އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ޓަކައި ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި ހިމެނޭ ސުވާލުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން އިޞްލާޙު ކުރައްވައިފި އެވެ.
އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބެލުމަށް މި މަހު 25 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު މިއަދު ވަނީ ހުޅުދޫއާއި މީދޫ، އެއް ރަށު ކައުންސިލްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް އޮތް ސުވާލު އުނިކުރައްވާފައި ކަމަށެވެ. އޭގެބަދަލުގައި އައްޑޫ ހުޅުދޫ، އައްޑޫ މީދޫ އަދި އައްޑޫ ފޭދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ވޯޓުގައި ހިމެނުމަށް ރައީސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ހިޔާލު ހޯދުމުގެ ވޯޓެއް މި މަހު ނަގާނެކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ މަހުގެ 17 ގަ އެވެ.
ރައީސް ވިދާޅުވީ އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެކަން އެ މަނިކުފާނާ ހަމައަށް އައިސްފައިވާ ކަމަށެވެ. އަދި ރައްޔިތުން އެދޭ ކަހަލަ ދާއިމީ ހައްލެއް ގެނެސް ދެއްވާނެ ކަމަށް އައްޑޫ މީހުންނަށް ވައުދުވެވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.