ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ކެޓީ ޕެރީގެ ލޯބީގެ ގުޅުން މިހާރު ކަށަވަރު ކަމަށް މީޑިއާތަކުން ބުނެފި އެވެ.
އެ ދެ މީހުން ހިތާވެގެން އުޅޭ ވާހަކަ ދެކެވޭތާ ދުވަސްތަކެއްވެފައިވާ އިރު، ޑެއިލީ މެއިލް އިން މިއަދު ވަނީ ޓްރޫޑޯ އާއި ޕެރީ ކެލިފޯނިއާގެ ސަންޓާ ބާބަރާގައި، ޕެރީގެ ލަގްޒަރީ ޔޮޓްގައި ވަރަށް ގައިގޯޅިކޮށް އުޅެނިކޮށް ޕަޕަރާޒީންތަކެއްގެ ކެމެރާތަކަށް އަރައި، ނަގާފައިވާ ފޮޓޯތަކެއް ވެސް އާންމުކޮށްފަ އެވެ.
އޭގެ ތެރެއިން ބައެއް ފޮޓޯތަކުގައި ދެ މީހުން ބައްދާލައިގެން ތުންގުޅައިގެން ތިބޭ ތަން ވެސް ފެނެ އެވެ.
ޕެރީ، 40، އާއި ޓްރޫޑޯ، 53، ރައްޓެހިވެފައި މި ވަނީ ޓްރޫޑޯގެ އާއި އަންހެނުން ސޯފީ ގްރެގޯއީގެ 18 އަހަރުވީ ކައިވެނި 2023 ގައި ރޫޅާލާފައި ވަނިކޮށެވެ. އެ ދެ މީހުންނަށް ތިން ކުދިން ލިބިފައިވެ އެވެ. އެއީ މިހާރު އުމުރުން 18 އަހަރުގެ ކުއްޖަކާއި 16 އަހަރުގެ ކުއްޖެއްގެ އިތުރުން 11 އަހަރުގެ ކުއްޖެކެވެ.
ކެނެޑާގެ ބޮޑުވަޒީރުކަން ޓްރޫޑޯ ކުރެއްވީ 2015-2025 އަށެވެ. އޭނަ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު އެވެ.
ޕެރީ ވެސް ކުރިން ކައިވެންޏެއް ކުރި އެވެ. އޭނަގެ ކުރީގެ ފިރިމީހާ އަކީ އިނގިރޭސި ކޮމީޑިއަން/އެކްޓަރު ރަސެލް ބްރޭންޑެވެ. އެ ދެ މީހުންގެ 2010 ގެ ކައިވެނި ރޫޅައިލީ 2012 ގަ އެވެ. އޭގެ ފަހުން 2016 އިން ފެށިގެން މި އަހަރުގެ ކުރީކޮޅާ ހަމައަށް ޕެރީގެ ބައިވެރިޔަކީ މަޝްހޫރު އިނގިރޭސި އެކްޓަރު އޯލަންޑޯ ބްލޫމެވެ. އެ މީހުންގެ ގުޅުން ނިންމައިލި އިރު ދަރިޔަކު ވެސް ލިބިފައިވެ އެވެ. އެއީ މިހާރު 5 އަހަރުގެ އަންހެން ކުއްޖެކެވެ.
"އެމެރިކަން އައިޑޮލް" ގައި ޖަޖެއްގެ ގޮތުގައި ވެސް މަސައްކަޔްކޮށްފައިވާ ޕެރީ އަކީ އެމެރިކާގެ އެންމެ ނުފޫޒު އެއް އަންހެން ފަންނާނެވެ.