ގާނޫނު ބަދަލުކޮށްގެން ވިޔަސް ގެދޮރުވެރިޔާ ސްކީމް ފްލެޓުތައް ކުއްޔަށްދޭ މައްސަލަ ހައްލުކުރައްވާނެ ކަމަށް ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ބައެއް ފަރާތްތަކަށް ލިބިފައިވާ ފްލެޓުތަކުގައި ލޭބާ ކުއާޓަޒް ހަދާފައި ހުންނަ ކަމަށްވެސް މައުލޫމާތު ލިބޭ ކަމަށާއި މިތަންތަނަކީ ބޯހިޔާވަހިކަން ހޯދުމަށް ދަތިކަންހުރި ފަރާތްތަކަށް އެކަމުގެ ހައްލު ހޯދައިދިނުމުގެ ގޮތުން ހަދާފަފައިވާ ފްލެޓުތަކެއް ކަމަށެވެ. އަދި މި ތަންތަނަކީ ބޮޑެތި އަގުތަކުގައި ކުއްޔަށްދޭން ހަދާފައިފުރި ތަންތަން ނޫން ކަމަށް ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ މިކަމަކީ މިސަރުކާރުން ވަރަށް ސީރިއަސްކޮށް ނަގާ މައްސަލައެއް ކަމަށާއި ގާނޫނުގެ ތެރެއަށް ލައިގެން ނަމަވެސް މިކަން ހައްލުކުރައްވާނެ ކަމަށެވެ.
"ހިޔާ ފްލެޓުތަކުގައި އަޅުގަނޑުމެންނަށް އެބަ މައުލޫމާތު ލިބޭ ލޭބާ ކުއާޓަރޒް ހަދާފަ ހުންނަ ކަމަށް. މީ ރައްޔިތުން، ބޯހިޔާވަހިކަމުގެ ދަތިކަންހުރި ފަރާތްތަކަށް ދޭންހުރި ތަންތަނޭ. 20،000 ރުފިޔާ، 25،000 ރުފިޔާ ކުއްޔަށްދީގެން އާމްދަނީ ހޯދަން ހުންނަ ތަންތަނެއް ނޫނޭ މީކީއެއް. ހަގީގަތުގައި މިއީ ސަރުކާރުން ވަރަށް ސީރިއަސްކޮށް ބަލާ ކަމެއް. މި ސަރުކާރުން އިރާދަކުރެއްވިއްޔާމުން އެކަން ގާނޫނުގެ ތެރެއަށް ލައިގެން ނަމަވެސް ހައްލުކުމަށް މަސައްކަތްކުރާނަން." އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ވަޒީރު ވަނީ މިތަންތަނަކީ ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ކޮށްގެން، ވަރަށް ބޮޑަށް ސަބްސިޑައިޒް ކޮށްގެން ދީފައި ހުންނަ ތަންތަނަށް ވާތީ، މިތަންތަނުގެ ބޭނުން ނަހަމަގޮތުގައި ކުރުން ހުއްޓުވަން ކުރެވުނު ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.