Last Updated: July 3, 20:48
Friday, July 3, 2026
ޚަބަރު

ފުރައްސާރަކޮށްގެން އަންހެނުން ފަހަތަކަށް ނުޖެއްސޭނެ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

ފުރައްސާރަކޮށްގެން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުން ފަހަތަކަށް ނުޖެއްސޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވީ އެމްޑީޕީގެ މެންބަރު އައިޝަތު ޝިމަންގެ ފޯނު ހިފެހެއްޓި ފަހުން އެ ފޯނުން ފޮޓޯއެއް ސޯޝަލް މީޑިއާއަށް ލީކުވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ. ނަމަވެސް އެ ވާހަކަތައް ފުލުހުން ދޮގުކުރެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ފޮޓޯތައް ލީކު ކުރުމަކީ ހުތުރު އަމަލެއް ކަމަށާއި އެކަމުގެ ލައްގަނޑު މުޅި ސަރުކާރުގައި ޖެހިގެންދާނެ ކަމަށެވެ. ސިޔާސީ ދާއިރާގައި އުޅޭ އަންހެނުންނަށް ޒަމާނުއްސުރެ ވެސް ފުރައްސާރަތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެކި ބިރުތައް ކުރިމަތިވެގެންދިޔަ އިރު އެފަދަ އަމަލުތަކުން ބޭނުންވާ ނަތީޖާ ނުކުންނާނެ ކަމަށް ދެކުމަކީ ގޯހެއް ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ، މިހާރު ފެނިގެންދަނީ އިދިކޮޅަށް އުފުލާ އަޑުތައް ކަނޑުވާލުމަށްޓަކައި މުޅި ދައުލަތުގެ ނިޒާމު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ މަންޒަރު ކަމަށެވެ. އަދި ގާނޫނީގޮތުން ލިބިދީފައިވާ ރައްކާތެރިކަން ގެއްލެމުންދާއިރު އިދިިކޮޅު ފަރާތްތައް ނައްތާލުމަށްޓަކައި މަސައްކަތްކުރާ މީހެއްގެ ވިސްނުމަށް ހުރިހާ މުއައްސަސާތަކަކުން ތަބާވެ ތިބި މަންޒަރު ފެނިގެންދާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.