މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ. ރިޝްވަތަށް އެދިފައިވާ މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފޮނުވައިފި އެވެ.
އޭސީސީން ބުނީ މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ގާނޫނުލްއުގޫބާތުގެ 510ވަނަ މާއްދާގެ (ހ)ގެ ދަށުން އެނގިހުރެގެން މަންފާއަކަށް އެދުމާއި، ޤަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ޤަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދަޢުވާ ކަމަށެވެ.
އެގޮތުން 2018ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް މޯލްޑިވްސް ކަސްޓަމްސްގެ ހުޅުމާލޭ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓުމަށްފަހު، އެ ކޭސްތަކުގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީ-އެކްސްޕޯޓްކުރުމަށް ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް ހުޅުމާލޭ ބޮންޑެޑް ވެއާހައުސްއިން ދޫކޮށްފައިވީ ނަމަވެސް، އެ ސިނގިރޭޓް ކޭސްތައް ރީ-އެކްސްޕޯޓްކޮށްފައިނުވާ ކަމަށް އޭސީސީން ބުންޏެވެ.
އަދި ކަސްޓަމްސް އިން ބަލަމުންދިޔަ މައްސަލަ، އެ ކުންފުންޏަށް ފަހިވާގޮތަށް ނިންމުމުގެ މުގާބިލުގައި އެ އަމިއްލަ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން މުއާޒު ރިޝްވަތަށް އެދިފައިވާކަން ތަޙުޤީޤުން ހޯދިފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.