Last Updated: July 3, 20:48
Friday, July 3, 2026
ޚަބަރު

ހަންކެޑެގައި 1،000 އެނދުގެ ރިސޯޓެއް ހަދަން ބީލަމަށް

އައްޑޫ ހަންކެޑެގައި ރިސޯޓެއް ތަރައްގީ ކުރާނެ ފަރާތެއް ހޯދަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ހަންކެޑެ ކުރިން އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރަން އެ މަޝްރޫއު މި ސަރުކާރުން އެޕްރީލް 15، 2024 ގައި ރަސްމީކޮށް، އިފުތިތާހު ކުރުމަށް ފަހު، އަމަލީ އެއްވެސް މަސައްކަތެއް ނުފެށި އޮއްވައި ހަންކެޑެ ހަލާލު ޓޫރިޒަމަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ހާއްސަކުރި އެވެ.

ނަމަވެސް ސަރުކާރުން މިހާރު ވަނީ ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްގީކުރަން ނިންމައިފަ އެވެ. އަދި މިހާރު އައްޑޫގައި ހަލާލު ޓޫރިޒަމަށް ތަރައްގީ ކުރަން ހާއްސަކުރި ރަށަކީ ހިއްކައިގެން ހަދާފައިވާ ދޮންހެރަ އެވެ. އެ ރަށް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން މިނިސްޓްރީން މީގެކުރިން ވަނީ އިއުލާންކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން ހަންކެޑެގައި ތަރައްގީ ކުރަން ހަމަޖެހިފައިވަނީ 1،000 އެނދުގެ ރިސޯޓެކެވެ. މި މަޝްރޫއުއަށް ޝައުގުވެރިވާ ފަރާތްތަކުން ޓޫރިޒަމް މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް އިތުރު މައުލޫމާތު ސާފު ކުރުމަށް ވަނީ އެދިފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ އަމާޒަކީ ހަންކެޑެ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމެވެ. އަދި ރައީސް މުޢިއްޒުގެ މި ދައުރުގެ ތެރޭގައި ހަންކެޑެ އޮޕަރޭޝަނަށް ގެނައުމަކީ ވެސް އަމާޒެއް ކަމަށް ތޯރިގު ވިދާޅުވި އެވެ.