Last Updated: July 3, 20:48
Friday, July 3, 2026
ޚަބަރު

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު މަޖިލީހަށް

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ އެވެ. މާދަމާގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ބިލް ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރާއްޖޭގައި އިންސާނުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓްކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްޓަކައި، ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލައި، ރާއްޖޭގައި ފޯރުކޮށްދޭ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތަކީ އެންމެންނަށް ވާސިލުވެވޭނެ ރައްކާތެރި ފެންވަރު ރަނގަޅު އަދި ދެމެހެއްޖެނިވި ގޮތެއްގައި ދެވޭ ހިދުމަތަކަށް ހެދުމަށްޓަކައި ކަނޑައަޅަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި ހިދުމަތްދޭ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތަކާއި، އެނޫންވެސް ކަމާގުޅޭ އެންމެހައި، އުސޫލުތައް ބަޔާންކުރުން ކަމަށެވެ.

މި ބިލުން ހުއްދަ ދެނީ ހަމައެކަނި ލައިވް-ޑޯނަ އޯގަން ޓްރާންސްޕްލާންޓް ކުރުމަށެވެ. އަދި މި ބިލުގެ ދަށުން ގުނަވަން ހަދިޔާކުރެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީހުންނަށް ކަމަށް ބަޔާންކޮށްފައިވެ އެވެ. އޭގެތެރޭގައި އުމުރުން 18 އަހަރުވެފައިވާ ބުއްދި ސަލާމަތުން ހުރި ދިވެއްސަކަށްވުން ހިމެނެ އެވެ. އަދި ގުނަވަން ހަދިޔާކުރުމުގެ ނަތީޖާ އާއި އެކަމުގެ މެޑިކަލް ރިސްކުތަކާ ބެހޭ މައުލޫމާތު އެނގި، އަމިއްލަ އިހުތިޔާރުގައި އެކަމަށް ރުހިގެން ގުނަވަން ހަދިޔާކުރާ މީހަކަށް ވާންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

މީގެއިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ މީހުންނަށް ގުނަވަން ހަދިޔާ ނުކުރެވޭނެ ކަމަށް ބިލުގައިވެ އެވެ.

ބިލުގައިވާ ގޮތުން މިކަމުގައި ހެލްތު މިނިސްޓްރީއަށް ބޭނުންވާ ލަފާދިނުމަށް މި ބިލު ގާނޫނަކަށްވެ، އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި "އޯގަން ޓްރާންސްޕްލާންޓް ކައުންސިލް"ގެ ނަމުގައި 9 މެމްބަރުންގެ މައްޗަށް ހިމެނޭ ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންޖެހެ އެވެ. އަދި ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހުއްދަ ދިނުމަށްޓަކާ ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި "އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ"ގެ ނަމުގައި ކޮމިޓީއެއް ހެލްތު މިނިސްޓަރު އެކުލަވާލަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.