ކުރިއަށް އޮތް މުސްތަގުބަލުގައި ފަލަސްތީނުގެ ގާޒާއަށް ޒިޔާރަތް ކުރަން ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލައި ޓްރަމްޕު ހުށަހެޅުއްވި ސުލްހައިގެ ޕްލޭނުގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރަން މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ އަސީރުން މިނިވަން ކުރަން ހަމަޖެހިފައިވާއިރު، އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ބައެއް މީހުން ވެސް މިނިވަން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އިޒްރޭލާއި މިސްރަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ އިއްޔެ ވާހަކަދައްކަމުން ޓްރަމްޕް ވިދާޅުވީ ގާޒާއަށް ޒިޔާރަތް ކުރުމަކީ ލިބޭނެ ޝަރަފެއް ކަމަށާއި އެކަން ކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެއްވެސް ކަމެއް އަވަސް އަރުވާލައިގެން މާ ބާރަށް ކުރަން ބޭނުން ނުވާ ކަމަށާއި ކޮންމެ ކަމެއްވެސް ކުރަން ބޭނުންވަނީ ރަނގަޅު ސްޕީޑުގައި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި ގާޒާ ހަނގުރާމަ މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ. އަދި ސުލްހައިގެ ޕްލޭން ދަމަހައްޓާނެ ކަމުގެ ޔަގީންކަން އިޒްރޭލާއި ހަމާސް އިން އެކި ގޮތްގޮތުން ދީފައިވާއިރު މިކަން ކާމިޔާބުވާނެ ކަމަށް ގަބޫލުކުރަނީ އެހެންވެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
ސުލްހައިގެ ޕްލޭނުގެ ފުރަތަމަ މަރުހަލާއަށް ހަމާސް އާއި އިޒްރޭލުން މިދިޔަ ބުދަ ދުވަހު ވަނީ އެއްބަސްވެފަ އެވެ. އެއާއެކު އިޒްރޭލުން ގާޒާއަށް ހަމަލާތައް ދިނުން ހުއްޓާލާފައިވާއިރު، ގާޒާގައި ތިބި އިޒްރޭލުގެ ސިފައިން ދެ ފަރާތުން ވެސް އެއްބަސްވާ ހިސާބަކަށް މިހާރު ވަނީ ފަހަތަށް ޖެހިފަ އެވެ.
ހަމަލާތައް ހުއްޓާލަން އެއްބަސްވި އިރު މި މަހުގެ ހަތް ވަނަ ދުވަހު ވަނީ މި ހަމަލާތަކަށް ދެ އަހަރު ވެފަ އެވެ. އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި 67،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.