Last Updated: June 5, 22:30
Saturday, June 6, 2026
ރިޕޯޓް

މައްޔިތެއްގެ ފަރާތުން!

ކަލޭމެން ތިއުޅޭ ދުނިޔެއާ އަހަރެން ވަކިވި ދުވަހު، ކަލޭމެންގެ ކޮނޑުމަތީގައި އުފުލައިގެން ގެނެސް އަހަރެން މި ހަނިހަނި ވަޅުގަނޑަށް ލީމުއެވެ. ކަލޭމެންގެ އަތުން އަހަރެންގެ ގަޔަށް ވެލިއަޅައި ފޮރުވީމު އެވެ. އަދި ކަލޭމެން އަހަރެންގެ މައްޗަށް ހިތާމަކޮށް ވަރަށް ބޮޑަށް ރުއީމުއެވެ. އަދި އަހަންނަށްޓަކައި ހެޔޮ ދުޢާ ކުރީމުއެވެ.

އެ ދުވަހު އަހަރެން އެފަރާތަކާ ބައްދަލު ކުރަން ޖެހޭ ފަރާތުގެ ކީރިތިވަންތަ ކަމަށްޓަކައި އަހަރެން ބިރުވެތިވީމެވެ. އަހަންނަށް އޮތީ ނަރަކަ ކަމެއް ސުވަރުގެ ކަމެއް ނޭނގޭތީ އެވެ. އަހަންނަކީ ވީވަރަކުން ހެޔޮ ޢަމަލު ކުރުމަށް މަސައްކަތް ކުރި މީހަކީމެވެ. ނަމަވެސް ކުއްލި ގޮތަކަށް އަހަރެންގެ ނިމުން އައިއިރު އަހަރެންގެ ދަތުރަށް ވާވަރަށް ގެންދިއުމަށް ހެޔޮޢަމަލު ކުރެވިފައި ހުރިކަމުގެ ޔަޤީން ކަމެއް ނެތީއެވެ.

މިއަދު އަހަންނަށް މިވަނީ ލޯބިވާ އެންމެނާ ވަކިން މުޅިން އެހެން ޢާލަމެއްގައި އުޅެން ޖެހިފަ އެވެ. މިއަދު ﷲ ތަޢާލާގެ ބަސްފުޅުގެ ތެދުކަން ހިތުގެ އެންމެ ފުންމިނުން ޤަބޫލް ކުރެވިއްޖެއެވެ. ކަލޭމެން ފަދައިން އަހަރެންނަށްވެސް މަރުވާނެކަން އެނގެ އެވެ. ނަމަވެސް ޢުމުރުގައި އެހާ އަވަހަށް މިދުވަސް ފެންނާނޭ ކަމުގައި ނުވިސްނި ހެޔޮ ޢަމަލުތައް ގިނަ ކުރުމަށް ސަމާލުކަން ނުދެވުނީ އެވެ.

މިއަދު އަހަރެން މިވަނީ ﷲ ގެ ރަޙްމަތުން އެއިލާހުގެ ނިޢުމަތުގައި ކަމުގައި ވިޔަސް ޢުމުރުގައި ބޭކާރު ކޮށްލެވުނު ވަގުތުތައް މަތިން ހިތަށް އަރައި ލޭގެ ކަރުނައަޅަމެވެ. އަދިވެސް އިތުރަށް ހެޔޮ ޢަމަލު ކުރުމަށް ދުނިޔޭގައި ހުރެވޭނެ ނަމައޭ ހިތަށް އަރައެވެ. އެމީހާއަށް ދިގު ޢުމުރެއް ލިބިފައި އެއުމުރު ﷲ އަށް ކިޔަމަން ގަތުމުގައި ހޭދަކުރި އަޅަކަށް ހުރި ނަސީބެއްގެ ބޮޑުކަމާއެވެ. މާތްނަބިއްޔާގެ ޙަދީޘްބަސްފުޅެއްގައިވެ އެވެ.

”خَيْرُ النَّاسِ مَنْ طَالَ عُمُرُهُ وَحَسُنَ عَمَلُهُ ، وَشَرُّالنَّاسِ مَنْ طَالَ عُمُرُهُ وَسَاءَ عَمَلُهُ“ (الترمذي)

މާނައީ: މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ އެމީހެއްގެ ޢުމުރު ދިގުވެފައި އޭނާގެ ޢަމަލު ރަނގަޅު މީހާއެވެ. އަދި މީސްތަކުންގެ ތެރެއިން އެންމެ ނުބައި މީހަކީ އެމީހެއްގެ ޢުމުރު ދިގުވެފައި އޭނާގެ ޢަމަލު ގޯސް މީހާއެވެ.

މިއަދު އަހަރެން ކަލޭމެންނަށް މިލިޔަނީ ކަލޭމެން ހޭވެރިކުރުވުމަށްޓަކަ އެވެ. އަހަރެންގެ ނަސީބު އަހަންނަށް ތަން ނުދިން ކަންތައްތަކަށް ކަލޭމެން ސަމާލު ކުރުވުމަށްޓަކަ އެވެ. ކުރިމަތިވެގެން މިއަންނަނީ ހެޔޮކަމުގެ މައްސަރެވެ. އެމައްސަރުގެ އަޅުކަން އެހެން ހުރިހާ މަސްތަކެއްގެ އަޅުކަމަކަށްވުރެ މަތިވެރިވެގެންވެއެވެ.

އެނގޭ ހެއްޔެވެ؟ މިއަދު އަހަރުމެންނަށް ދުލުން ”سبحان الله” މިފަދައިން ކިޔާލެވި އެތަސްބީޙައިގެ ޘަވާބުލިބުން ވެސް ދުނިޔެ އާއި އެ ދުނިޔޭގައި ވާހާއެއްޗަކަށް ވުރެ ބޭނުންބޮޑެވެ. ނަމަވެސް ހުރި ހިތާމައެއްގެ ބޮޑުކަމާ އެވެ! މިއަދު އަހަރުމެންނަށް ޢަމަލެއް ނެތެވެ. ދުނިޔެމަތީގައި އަހަރުމެން ކުޅަ ޢަމަލެއްގެ ޖަޒާ މެނުވީ ލިބޭކަށް ނެތެވެ. މިއަދު ކަލޭމެން ތިޔަ ތިބީ ދިރިތިބި ޙާލު ހެޔޮޞިއްޙަތުގައެވެ. އެހެންކަމުން އަންނަންއުޅޭ ހެޔޮކަމުގެ މައްސަރުގެ ޘަވާބު ލިބިގަނެ، ހެޔޮކަމުގެ ތިލަފަތް ބަރުކުރާށެވެ.

މިގޮތުން ހެޔޮ ޢަމަލުތައް ކުރުމުގައި ދެމިހުރުމަށްޓަކައި އަބަދުވެސް ތިމާގެ ނަފްސު ހިސާބު ކުރާށެވެ. ތިމާއަށް ﷲ ތަޢާލާގެ ފަރްޟުތައް ފުރިހަމައަށް އަދާކުރެވޭތޯއެވެ؟ ނަހީ ކުރެއްވި ހުރިހާ ކަމަކުން ދުރުވެވިފައި ވޭތޯއެވެ؟ ތިމާގެ ވަގުތުތައް ހޭދަކުރެވެނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ މަގުގައިތޯއެވެ؟ މިއަދު މަރުވިޔަސް ސުވަރުގެ ޙާޞިލް ކުރެވޭވަރަށް ހެޔޮ ޢަމަލު ކުރެވިފައިވޭތޯއެވެ؟ މިގޮތަށް ތިމާގެ ނަފްސު ހިސާބު ކުރުމަކީ ނުބައިކަންތައްތަކުން ތިމާ ދުރުވެ، ހެޔޮޢަމަލުތައް ގިނަވުމަށް މަގުފަހިވާ ކަމެކެވެ.

ވީވަރަކުން ހެޔޮޢަމަލުތައް ގިނަ ކުރާށެވެ. ފުރިހަމަ މުއުމިނުންގެ ސިފައަކީ އެންމެހާ ރަނގަޅުކަންތައްތަކަށް އަވަސްވެގަނެ އެކަންކަމުގައި އެކަކު އަނެކަކަށް ވާދަކުރުމެވެ. ﷲ ތަޢާލާ ވަޙީކުރައްވަނީ ” فَاسْتَبِقُوا الخَيْرَاتِ ” (البقرة) މާނައަކީ ” ފަހެ ހެޔޮކަންތައް ކުރުމުގައި ތިޔަބައިމީހުން، އެކަކު އަނެކަކާ ވާދަކޮށް ކުރިއަރައިދާށެވެ. ” ތިމާއަށް ފުރިހަމަ ޞިއްޙަތެއް ލިބިފައިހުރި އިރު އެޞިއްޙަތުގެ ބޭނުން ހިފާށެވެ. ހުސްވަގުތު ލިބިފައި އޮއްވާ އެހުސްވަގުތުތައް ﷲ އަށް އަޅުކަން ކުރުމުގައި ހޭދަކުރާށެވެ. ގެއްލުވާލެވުނު ވަގުތުތައް ހިތަށް އަރައި އަހަރުމެން ފަދައިން ފަހުން ހިތާމަ ކުރާ ބަޔަކު ކަމުގައި ނުވާށެވެ.

ގިނަގިނައިން އިސްތިޣްފާރުކޮށް ޛިކުރު ކުރާށެވެ. ކުރިން ވެސް ބުނި ފަދައިން މިއަދު އަހަރުމެންނަށް ” أستغفر الله” މިފަދައިން ޛިކްރެއް ކޮށްލެވުން ވެސް ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެން ބޭނުން ބޮޑެވެ. ނަމަވެސް މިލިޔުން ކިޔަމުންދާއިރުވެސް ކަލޭމެންނަށް މިފަދައިން ކިޔާލައި އޭގެ ޘަވާބު ހޯދިދާނެއެވެ. އަހަރުމެންފަދައިން ކަލޭމެން ވެސް ތިޔަ ދުނިޔެއިން ވަކިވެއްޖެނަމަ އެފަދަ ކުޑަ ޢަމަލެއްވެސް ޤަބޫލު ނުކުރައްވާނެއެވެ. އެހެންކަމުން އާދޭސްކޮށްފައި ބުނަމެވެ. ކަލޭމެންނަށް ލިބިފައިވާ ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ!

ޖަނަވާރުން ފަދައިން ކައިގެން ނިދާލައި، ހަޔާތުގެ ވަގުތުތައް ބޭކާރުގޮތުގައި ހޭދަނުކުރާށެވެ. ﷲ ތަޢާލާ މަތިން ހަނދުމަކުރުން ދޫކޮށްނުލާށެވެ، ނޫންނަމަ ﷲ ތަޢާލާ ކަލޭމެން ގެއްލެނި ކުރައްވާފާނެއެވެ. އެހެންކަމުން ތިމާއަށް އެނގިހުރިހާލުގައްޔާއި ނޭނގޭޙާލު ކުރެވޭ ފާފަތަކަށް ފުރިހަމަ ތައުބާއަކުން ތައުބާ ވާށެވެ. އެހެނީ ތައުބާނުވެ ކުރާ ޢަމަލަކުން ފައިދާއެއް ނެތެވެ.

މަރަކީ ދުރު އެއްޗެއް ކަމުގައި ހީނުކުރާށެވެ. ކަލޭމެންގެ ގާތަށް މަލަކުލް މައުތު ވަޑައިގެންނެވުމުން ދެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވަނީ ”فَإِذَا جَاء أَجَلُهُمْ لاَ يَسْتَأْخِرُونَ سَاعَةً وَلاَ يَسْتَقْدِمُونَ ” (الأعراف)

މާނައީ ފަހެ އެމުއްދަތު އައުމުން އެންމެ ހިނދުކޮޅެއްވެސް އެބަޔަކު ލަސްނުކުރެވޭހުއްޓެވެ. އަދި ހަމަ އަވަސް ނުކުރެވޭނޭމެއެވެ.

އަޅުކަމުގައި ޚުޝޫޢަތްތެރިވެ، ﷲ އަށް ހިތް ޚަލާޞް ކުރުމަށްޓަކައި ގިނަގިނައިން މަރު ހަނދާން ކުރާށެވެ. އެހެނީ މަރު ހަނދާން ކުރުމަކީ މީހާގެ ޢަމަލުތައް ސީދާވެ ކަންނެތްކަން ފިލައި، ދުނިޔަވީ އުފާތައް ހަނދާން ނެތޭ ކަމެކެވެ. އަދި އާޚިރަތަށްޓަކައި މަސައްކަތް ކުރުމަށް އިތުރު ހިތްވަރު ލިބޭ ކަމެކެވެ. އަދި ތައުބާވުމަށް އަވަސްވެގަނެވޭނެ ކަމެކެވެ.

މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވެއެވެ.

”أَكْثِرُوا ذِكْرَ‏ هَاذِمِ ‏ اللَّذَّاتِ ” (الترمذي)

މާނައީ އަރާމު ނެތިކޮށްލާ (މަރު މަތިން) ހަނދާންކުރުން ގިނަކުރާށެވެ.

މާތް ރަސޫލާގެ މިއިރުޝާދުގެ ދަށުން އެކަލޭގެފާނުގެ އަޞްހާބުންނާއި ތާބިޢީންވެސް ވަނީ އެބޭކަލުންނާ އެންމެ ކައިރީގައިވަނީ މަރުކަން ހަނދާނުގައި ބަހައްޓަވާފައެވެ. އެހެންވެ އެބޭކަލުންގެ ދުނިޔަވީ އެދުންތަކުގެ ޙައްދު ކުޑަވެ، ހެޔޮޢަމަލުގެ ތިލަފަތް ބަރުވިއެވެ.

މިއަދު އަހަރެންފަދަ އެންމެނަށް އެމީހުން ކުރި ޢަމަލުތަކުގެ ޖަޒާ ލިބެމުން އެބަދެއެވެ.

”وَوَجَدُوا مَا عَمِلُوا حَاضِرًا” (الكهف)

މާނައީ އަދި އެބައިމީހުން ކުޅަ ޢަމަލެއް އެބައިމީހުންގެ ކުރިމަތީގައި ފެންނާން ހުއްޓެވެ.

ﷲ އަށް ކިޔަމަންގަތް އަޅުންނަށް އެއިލާހުގެ ރަޙްމަތާއި މަޣްފިރަތެވެ. އަދި އެއިލާހަށް އުރެދި ނުކިޔަމަންތެރިވި އަޅުންނަށް ގަދަވެގެންވާ ޢަޛާބެވެ.

އަހަރުމެންގެ ތެރޭގައި ތިބި ﷲ އަށް ކިޔަމަން ގަތް އަޅުން، އެމީހުންނަށްޓަކައި ވާ އެންމެހާ ނިޢުމަތްތައް ފެނި އުފަލާއެކު ބުނެތެވެ.

”قَدْ وَجَدْنَا مَا وَعَدَنَا رَبُّنَا حَقًّا” (الأعراف)

މާނައީ ހަމަކަށަވަރުން ތިމަންމެން ހައްދަވާ ގެންގުޅުއްވާ އިލާހު ތިމަންމެންނަށް ވަޢުދުކުރެއްވި ކަންތައް ހައްޤުގޮތުގައި ތިމަންމެންނަށް ފެނިއްޖެއެވެ.

އެ މީހުންނަށް ހިތާމައެއް ހިތްދަތިކަމެއް ނެތެވެ. އެމީހުންނަކީ މިދުވަސް އަންނާނެކަން ދަނެގެން މިދުވަހަށްޓަކައި ގަދައަޅައި މަސައްކަތް ކުރި މީހުންނެވެ. އެމީހުންގެ ރޭގަނޑުގެ އަރާމު ނިދި ދޫކޮށްލައި ރައްބުލް ޢާލަމީންއަށް މުނާޖާ ދެންނެވުމުގައި ހޭދަކުރި އަޅުންނެވެ. ހުރިހާ ވަގުތެއްގައި އެއިލާހު މަތިން ހަނދުމަކޮށް އެއިލާހަށް ބިރުވެތިވި އަޅުންނެވެ. އެމީހުންގެ ވައަތަށް ނޭނގޭހާ ސިއްރުން ކަނާތުން ޞަދަޤާތްދީ އުޅުނު މީހުންނެވެ. ނެތިމޮށުމާއި ޣީބަ ބުނުމާއި ދެބައޮޑުވުން ފަދަ ﷲ ތަޢާލާ ނަހީ ކުރެއްވި ކަންތައްތަކުން ދުރުވެގެން ތިބި މީހުންނެވެ.

އެންމެހާ މުޞީބާތްތަކަށް ކެތްތެރިވި މީހުންނެވެ. އެމީހުންގެ ތެރެއިން އެކަކަށްވުރެ އަނެކަކަށް އެއިލާހުގެ ނިޢުމަތްތައް ގިނަވެފައި މަތިވެރިއެވެ. އެހެންވެ ކޮންމެމީހަކުވެސް އޭނާއަށްވުރެ ދަރަޖައިގެ ގޮތުން މަތީމީހާފަދައިން ހެޔޮ ޢަމަލުގިނަ ކުރެވުނު ނަމައޭ ހިތަށް އަރާ ޙާލުގައި ވެއެވެ.

ހަމަ މިފަދައިން އަހަރުމެންގެ ތެރޭގައި އެބައިމީހުންގެ ޢުމުރު ﷲ ތަޢާލާއަށް އުރެދުމުގައި ހޭދަކުރި މީހުންވެސް އެބަތިއްބެވެ. އެމީހުންގެ ތެރޭގައިވެސް އެކި ދަރަޖައިގެ މީހުން އެބަތިއްބެވެ. ނަމާދު އަޅައި އެނަމާދަށް ފަރުވާކުޑަ ކުރި މީހުންނެވެ. ޢުމުރުގައި އެއިލާހަށް އެންމެ ސަޖިދައެއްވެސް ނުކުރާމީހުންނެވެ. ފަރުޟު ކުރެއްވި ރޯދަ ދޫކޮށްލި މީހުންނެވެ. ޙަރާމްކުރެއްވި ފާޙިޝް ޢަމަލުތައް ކުރުމުގައި ބިރެއް ނެތި އެމީހުންގެ ވަގުތުތައް ނަގާލި މީހުންނެވެ. ރިބާކޭ މީހުންނެވެ. ހަމަކަށަވަރުން އެމީހުންނަށް ގަދަފަދަވެގެންވާ ޢަޛާބު ޤިޔާމަތާ ޖެހެންދެން ލިބެމުންދާނެއެވެ.

މިއަދު އަހަރުމެންގެ ޢަމަލުތައް މިވަނީ ހުއްޓިފައެވެ. އެންމެ ތިން ކަމަކުން މެނުވީއެވެ. މާތް ނަބިއްޔާ ޙަދީޘްފުޅު ކުރެއްވި ފަދައިންނެވެ.

”إذا مات ابن آدم انقطع عمله إلا من ثلاث: صدقة جارية أو علم ينتفع به أو ولد صالح يدعو له ” (البخاري و مسلم)

މާނައީީ އާދަމުގެ ދަރިޔާ މަރުވުމަށްފަހު ތިންކަމަކުން މެނުވީ އޭނާގެ ޢަމަލުތައް ހުއްޓެއެވެ. އެއީ (އޭނާ ކޮށްފައިހުރި) ދެމިހުންނަނިވި ޞަދަޤާތެކެވެ. ނުވަތަ (އޭނާ މީހަކަށް އުނގަންނައި ދީފައި ހުރި) ފައިދާދެނިވި ޢިލްމެކެވެ. ނުވަތަ އޭނާއަށް ހެއުދުޢާކޮށްއުޅޭނެ ތަޤުވާވެރި ދަރިއެކެވެ.

އެހެންކަމުން އަހަރެންފަދަ ކަލޭމެންގެ ލޯބިވާ މީހުންނަށްޓަކައި ހެޔޮ ދުޢާ ކުރާށެވެ. އެމީހުންގެ މަތިން ހަނދާން ނައްތާނުލާށެވެ. ޚާއްޞަކޮށް ކުރިމަތިވެގެން މިއަންނަ، ނަރަކައިން މުއްތި ކުރައްވާމައްސަރުގައެވެ. ލައިލަތުލް ޤަދްރީގައެވެ. އެމީހުން ވަނީ ކަލޭމެންގެ ހެޔޮ ދުޢާއަށް ބޭނުންވެފަ އެވެ.

މިއަދު އެމީހުންނަށް އެހެން އެއްވެސް މަގެއް ނެތެވެ. ކަލޭމެންގެ ދުޢާގެ ސަބަބުން ﷲ ތަޢާލާ އެމީހުންގެ ތެރެއިން ޤަބްރުގައި ޢަޛާބު ލިބެމުންދާ މީހުންނަށް (ﷲ އިރާދަ ކުރައްވައިފި އަޅަކަށް) ލުއިކޮށް ދެއްވާނެ އެވެ. އަދި އެމީހުންގެ ތެރެއިން އެއިލާހުގެ ނިޢުމަތުގައި ތިބި މީހުންގެ ދަރަޖަ އުފުއްލަވާނެއެވެ.

މިދިޔަ ރޯދަ މަސް ވެސް ނިމުނީ އެވެ. ކިހާ ގިނަ ކަންތައްތަކެއް ބަދަލުވެއްޖެ ހެއްޔެވެ؟ ތަނަވަސްކަންމަތީގައި ތިބި ކިތައް މީހުންގެ އަތްމަތި ދަތިވެއްޖެ ހެއްޔެވެ؟ ކުއްލިގޮތަކަށް މަރުއައިސް ބައްދަލު ކުރާނެ ކަމެއް ނޭނގި ތިއްބާ ކަލޭމެންގެ ތެރެއިން ކިތައް މީހުން، ކަލޭމެންނާ ވަކިވެގެން އަހަރުމެންގެ ތެރެއަށް އަތުވެއްޖެ ހެއްޔެވެ؟ މިހުރިހާ ކަމަކުން ޢިބްރަތް ޙާޞިލް ކުރާށެވެ. ކަލޭމެނަށް ކުރިމަތިވާ މުޞީބާތްތަކަށް ކެތްތެރިވާށެވެ. އަދި ހެޔޮ ނިމުމެއް ދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާ ކުރާށެވެ.

ސުވަރުގެ އަކީ ހީކުރާހާ ފަސޭހައިން ޙާޞިލް ކުރެވޭނެ އެއްޗެއް ނޫނެވެ. އެކަމަށްޓަކައި ވަރަށް ބޮޑެތި ގުރުބާނީތައް ވާންޖެހޭނެއެވެ.
ﷲ ތަޢާލާގެ މިއާޔަތް އަޑުއަހާށެވެ.

“أَمْ حَسِبْتُمْ أَن تَدْخُلُواْ الْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ الَّذِينَ خَلَوْاْ مِن قَبْلِكُم مَّسَّتْهُمُ الْبَأْسَاء وَالضَّرَّاء وَزُلْزِلُواْ حَتَّى يَقُولَ الرَّسُولُ وَالَّذِينَ آمَنُواْ مَعَهُ مَتَى نَصْرُ اللّهِ أَلا إِنَّ نَصْرَ اللّهِ قَرِيبٌ “(البقرة)

މާނައީ އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން ތިޔަ ހީކުރަނީ އެއްވެސް އިމްތިޙާނަކާ ނުލައި ހަމައެކަނި އީމާންވުމުން ސުވަރުގެ ދެވިދާނެ ކަމަށް ހެއްޔެވެ؟ ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް އައި ކަހަލަ މުޞީބާތްތަކެއް ތިޔަބައިމީހުންގެ މައްޗަކަށް އަދި ނާދޭ ނޫން ހެއްޔެވެ؟ އެބައިމީހުންނަށް ތަދުމަޑުކަމާއި ބަލިމަޑުކަމާއި ބިރުވެރިކަމުގެ ޙާލަތްތައް ކުރިމަތިވި އެވެ. އެބައި މީހުންނަށް އެކުރިމަތިވި މުޞީބާތްތަކުގެ ބޮޑުކަމުން އެބައިމީހުންގެ ރަސޫލާއާއި އެކަލޭގެފާނުގެ އަރިހުގައި ތިބި މުއުމިނުން ބުނަން ފެށިއެވެ. ތިމަންމެންނަށް ﷲގެ ނަޞްރު ލިބޭހުށީ ކޮންއިރަކުން ބާވައެވެ! ދަންނާށެވެ! ހަމަކަށަވަރުން ﷲގެ ނަޞްރު ލިބުން ވަނީ މުއުމިނުންނާ ވަރަށް ގާތުގަ އެވެ.

އެހެންކަމުން ނަރަކައިން މުއްތި ކުރެވިގެންވާ ޙާލު ސުވަރުގެ ހޯދައިފި މީހަކީ ކާމިޔާބު ލިބިއްޖެ މީހެކެވެ. ”فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ“ (آل عمران)

މަސްދަރު: ނޫރުލްއިސްލާމް