Last Updated: June 8, 15:03
Monday, June 8, 2026
މުނިފޫހިފިލުވުން

'ނީލޯފަރް' ގެ ޓީޒާ ދައްކާލައިފި

ޕާކިސްތާންގެ މަޝްހޫރު ތަރިން ކަމަށްވާ ފަވާދު ޚާނާއި މާހިރާ ޚާންގެ އާ ފިލްމު "ނީލޯފަރް" ގެ ޓީޒާ ދައްކާލައިފި އެވެ.

މި ލޯބީގެ ފިލްމު ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 28 ގަ އެވެ.

އައްމާރް ރަސޫލް ލިޔެ، ޑައިރެކްޓްކޮށްފައިވާ "ނީލޯފަރް" ގައި މާހިރާ ޓައިޓްލް ރޯލު ކުޅެފައިވާ އިރު، އޭނަ ފެންނާނީ ލޯފަން ކެރެކްޓާއަކުންނެވެ. ފަވާދުގެ ކެރެކްޓާ އަކީ މަންސޫރް އަލީ ޚާން ކިޔާ ލިޔުންތެރިއެއްގެ ރޯލެވެ.

މީގެ އިތުރު ކާސްޓުންގެ ތެރޭގައި މަދީހާ އިމާމް، ސާމިޔާ މުމްތާޒް، ފައިސަލް ގްރޭޝީ، ބެހެރޯޒް ސަބްޒްވާރީ، ރާޝިދު ފާރޫގީ، އަތީގާ، އޮދޯ، ގޯހަރް ރަޝީދު އަދި ނާވިދު ޝަހްޒާދު ހިމެނެ އެވެ.

ދެހާސް ވިހީގައި އިއުލާންކުރި "ނީލޯފަރް" އަކީ ފަވާދާއި މާހިރާ އެކީގައި ކުޅުނި ދެވަނަ ފިލްމެވެ. އެ ދެ ތަރިން އެންމެ ފަހުން އެކީގައި ފެނިފައި ވަނީ 2022 ގެ "ދަ ލެޖެންޑް އޮފް މޯލާ ޖަޓް" އިންނެވެ.

އާންމުންގެ މެދުގައި މަގުބޫލު ސްކްރީން ޖޯޑަކަށް ފަވާދާއި މާހިރާވެގެން ދިޔައީ ހަމް ޓީވީން 2011-2012 އަށް ގެނެސްދިން މަޝްހޫރު ސިލްސިލާ "ހަމްސަފަރު" އިންނެވެ.

"ނީލޯފަރް" އަންނަ މަހު ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ އިރު ފަވާދުގެ އެންމެ ފަހުގެކީ މިދިޔަ މަހު ރިލީޒްކުރި ބޮލީވުޑްގެ ފިލްމު "އަބީރް ގުލާލް" އެވެ. މާހިރާގެ އެންމެ ފަހުގެ ފިލްމަކީ ޖޫންގައި ރިލީޒްކުރި "ލަވް ގްރޫ" އެވެ.