Last Updated: June 27, 20:02
Saturday, June 27, 2026
ވިޔަފާރި

ބީއެމްއެލްގެ ވަކި ބަޔަކަށް އެވޯޑް! ގިނަ މުވައްޒަފުން ހިތް ހަމަ ނުޖެހި!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގު މުއްދަތެއްގައި ހިދުމަތްކޮށްދިން މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށް ބުނެ މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ބައެއް މުވައްޒަފުންނަށް އެވޯޑް ދިނުމާއި ގުޅިގެން ގިނަ މުވައްޒަފުންތައް ހިތް ހަމަނުޖެހުން ފާޅު ކުރަމުން އެބަދެއެވެ.

"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ބޭންކްގައި މަސައްކަތް ކުރާތާ 21 އަހަރުވެފައިވާ މުވައްޒަފަކު ބުނީ ދިގު މުއްދަތަށް ބޭންކަށް ހިދްމަތް ކުރި މުވައްޒަފުންނަށް ކަމަށް ބުނެ އެވޯޑެއް ދީފައިވަނީ ބޭ އިންސާފުން ކަމަށެވެ.

"އަޅުގަނޑު ބޭންކް ގައި މަސައްކަތް ކުރާތާ މިވީ 21 އަހަރު، އަޅުގަނޑަކަށް އެވޯޑެއް ނުލިބޭ، ހިދްމަތުގެ އަގު ވަޒަން ނުކުރޭ. އެކަމަކު ނަމެއްގައި ވަކި ބަޔަކަށް މި އެވޯޑް ދެނީ"\

ބޭންކުން ވަނީ އެ ބޭންކަށް ދިގު މުއްދަތަކަށް ހިދްމަތް ކުރި 27 މުވައްޒަފަކަށް އެވޯޑް ދީފައެވެ. އަދި އެވޯޑާއި އެކު ފައިސާގެ ވޯޗަރެއްް ވަނީ އެވޯޑް ލިބުނު މުވައްޒަފުންނަށް ދީފައެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ހިއްސާކުރި ބޭންކްގެ އެހެން މުވައްޒަފަކު ބުނީ ކުންފުނީގެ ތެރޭގައި ތަފާތު ކުރުން އިންތިހާއަށް ބޮޑު ކަމަށެވެ. އަދި މި ފަދަ ކޮންމެ ކަމެއްވެސް ހިގަމުން ދަނީ އެތަނުގެ އިސްކޮށްތިއްބަވާ ހައެއްކަ މީހުން ބޭނުންވާ ގޮތަށް ކަމަށެވެ.

ބޭންކުން ދިގު މުއްދަތަށް ހިދްމަތް ކުރި މުވައްޒަފުންގެ ގޮތުގައި އެވޯޑް ދީފައިވަނީ މިއަހަރަށް 15، 20، 25، އަދި 30 އަހަރު ފުރުނު މުވައްޒަފުންނަށް އެކަނިއެވެ. މީގެ ތެރޭގައި ބޭންކްގައި ހިދްމަތް ކުރާތާ 16،17،18،19،21،22،23،24، އަހަރުވެފައިވާ މުވައްޒަފުން ނުހިމެނެއެވެ.

ބޭންކްގެ ގިނަ މުވައްޒަފުން ބުނީ ދިގު މުއްދަތުގެ އެވޯޑް 27 މުވައްޒަފަކަށް ދިނުމަކީ ބޭންކްގެ އިސްވެރިންގެ ނާގާބިލްކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

"މިކަމުން މިހާމަވަނީ ބޭންކުގައި ދިގު މުއްދަތަށް ހިދްމަތް ކުރި މުވައްޒަފުން ނެތް ކަން، ނުވަތަ އެފަދަ މުވައްޒަފުންގެ އަގު ވަޒަން ކުރަން ބޭނުން ނުވާ ކަން. މީ ވަރަށް ނާއިންސާފުން ކޮށްފައިވާ ކަމެއް. ބޭންކުގައި 15، އަހަރާއި 30 އަހަރާއި ދެމެދުގެ 100 އެއްހާ މުވައްޒަފުން މިހާރުވެސް އެބަތިބި، އެމުވައްޒަފުން ކޮށްދިން ހިދްމަތެއް ނެތް"

މި އެވޯޑާއި ގުޅޭ ގޮތުން ބޭންކުން މީޑިއާތަކަށް ހިއްސާކޮށްފައިވަނީ ، 15 އަހަރާއި 30 އަހަރާ ދެމެދުގެ މުއްދަތަކަށް އެ ބޭންކުގައި މަސައްކަތް ކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ދީފައިވާ ކަމަށެވެ.

އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ބޭންކްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ މި އެވޯޑު ހާސިލްކުރި މުވައްޒަފުންގެ ހަޔާތުގެ ދިގު މުއްދަތެއް ވަނީ ބޭންކާއި ބޭންކުގެ ކަސްޓަމަރުންނަށް އިހުލާސްތެރިކަމާ އެކު ހިދުމަތް ކޮށްދެއްވާފައިކަމަށެވެ. އަދި މިކަމަށްޓަކައި އެފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުދެންނެވިއެވެ.

މިކަމާއި ގުޅިގެން ބޭންކް ޕަބްލިކް ރިލޭޝަން މުހައްމަދު ސައީދު ވިދާޅުވީ އެވޯޑަކީ ބޭންކްގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްއިން ކުރިއަށް ގެންދިޔަ އެވޯޑެއް ކަމަށެވެ. އަދި އެޗްއާރުން އޭގެ މައުލޫމާތު ހޯދުމަށްފަހު ހިއްސާ ކުރާނެކަމަށެވެ.