Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ކަނޑިތީމަށް ބީއެމްއެލްގެ އިސްލާމިކް ބްރާންޗެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްލާމިކް ބްރާންޗެއް ށ. ކަނޑިތީމުގައި ހަދަން ބިންގާ އަޅައިފި އެވެ.

އެތަނުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ށ. އަތޮޅަށް ފެއްޓެވި ދަތުރުގެ ތެރެއިން ކަނޑިތީމަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެގޮތުން ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅުއްވައި ދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބާއި ބޭންކްގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފްގެ އިތުރުން ރަށު ކައުންސިލްގެ ރައީސެވެ.

ބޭންކް އޮފް މޯލްޑިވްސްއިން އަންނަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކި ޚިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މީހުން އުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓަން ކުރިއަށް ގެންދާ މަޝްރޫއު މި މަސް ނިމުމުގެ ކުރިން ނިންމައިލެވޭނެ ކަމަށް ގައުމީ ބޭންކުން ބުނެފައިފައިވެ އެވެ.

ކަނޑިތީމުގައި ވެސް މިއަދު ވަނީ އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފަ އެވެ.