Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ފައްޔާޒް އޭސީސީ އަށް ހާޒިރުކޮށްފި

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިއަދު ހާޒިރުކޮށްފި އެވެ.

އޭނަ މިއަދު ހެނދުނު އެ ކޮމިޝަނަށް ހާޒިރު ކުރުމާ ދިމާކޮށް އެމްޑީޕީން އޭސީސީ ކައިރީގައި އެއްވުމެއް ބާއްވާފައިވެ އެވެ.

ފައްޔާޒު، އޭސީސީ އަށް ހާޒިރުކުރީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތުގަ އެވެ. އެގޮތުން ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންވާ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް 2019 ގައި އޮލްޓަނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމި ނިންމުމުގައި ފައްޔާޒް ބައިވެރިވެފައިވާކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އެހެންވެ އެ މައްސަލައިގައި އޭސީސީށް ހާޒިރުވާން އަންގައި އަންގައި ފައްޔާޒަށް ޗިޓް ފޮނުވީ މި މަހުގެ 9 ގަ އެވެ.

އެ ޗިޓްގައި ބުނެފައި ވަނީ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ފައްޔާޒަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސްވިފްޓަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ.

އޭސީސީ އަށް ހާޒިރު ވުމަށް ފަހު ފައްޔާޒް މިއަދު ވިދާޅުވީ އޭސީސީން ކުރަމުން އަންނަ ތަހުގީގަކީ ވަކި މީހަކު އަންގައިގެން މަޖުބޫރުން ކުރަމުން އަންނަ ތަހުގީގެއް ކަމަށެވެ.

"އެއްވެސް އަސާސެއް ނެތް ތާކުންތާކު ނުޖެހޭ އެއްޗެހިތަކެއް ނަގައިގެން، އެ ބޭފުޅުންނަށް ތަހުގީގަށް ބޭނުންވާ ޑޮކިއުމެންޓު ވެސް ހަމައެއް ނުކުރެވޭ. އެނގޭ ވަކި ބޭފުޅަކު އަންގައިގެން އެ ބޭފުޅުންނަށް މަޖުބޫރުވެގެން ކުރާ ތަހުގީގެއްކަން ވެސް،" އޭނަ ވިދާޅުވި އެވެ. "ވާހަކަ ހުރި ގޮތުންނާއި އަމަލު ހުރި ގޮތުން އެނގޭ ލަދުންކަން ތިބީ ވެސް."