Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އެމްބެސެޑަރުގެ ހައިސިއްޔަތުން ކެޓްރީނާ ރާއްޖެ އަންނަނީ

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން ގްލޯބަލް ޓޫރިޒަމް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސާފައިވާ ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް އެމްބެސެޑަރުގެ ހައިސިއްޔަތުން ވަރަށް އަވަހަށް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

އޭނަ ގްލޯބަލް އެމްބެސެޑަރަކަށް ހަމަޖެއްސިކަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން އިއުލާންކުރީ މި އަހަރުގެ ޖޫން މަހުގެ 10 ގަ އެވެ.

އެ ކުންފުނިން މި ހަފުތާގައި އާންމުކުރި ވީޑިއޯ ޕޯސްޓެއްގައި ކެޓްރީނާ ބުނީ އެމްބެސެޑަރުގެ ހައިސިއްޔަތުން ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށާއި އެކަމާ ވަރަށް އުފަލުން ހުރި ކަމަށެވެ.

މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިކީ ކޯޝަލްގެ އަންހެނުން، ކެޓްރީނާ މިހާރު އިނީ އަލަތު ދަރިފުޅަށް ބަލިވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނަ މި މަހުގެ ތެރޭފައި ވިހާނެ އެވެ. އެހެންވެ ކެޓްރީނާ ރާއްޖެ އަންނާނެ ކަމަށް ބެލެވެނީ ވިހެއުމަށް ފަހު އެވެ.

އޭނަ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެ އެވެ. އެގޮތުން ޗުއްޓީ ދަތުރުތަކަށާއި ބައެއް މަޖައްލާތަކުގެ ފޮޓޯ ޝޫޓްތަކަށް ވެސް ރާއްޖެ އައިސްފައިވެ އެވެ. ކެޓްރީނާގެ ކެރިއަރުގެ ވަރަށް ކުރީކޮޅުގެ ފިލްމެއް ކަމަށްވާ އަދި އޭނަގެ ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާނާ އެކު ކުޅުނު ފުރަތަމަ ފިލްމު 2005 ގެ "މޭނޭ ޕިޔާރު ކިޔު ކިއާ" ގެ ލަވައެއް ވެސް ރާއްޖޭގެ ރިސޯޓެއްގައި ޝޫޓްކޮށްފައިވެ އެވެ.

މިހަތާނަަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި މިސްޓްރީ ތުރިލާ "މެރީ ކްރިސްމަސް" އެވެ.