އައްޑޫގެ އަވަށްތައް ތަރައްގީކުރަން ދޭ ފައިސާއަށް ވާގޮތް ބަލަންޖެހޭ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަމުން އައިބީ ވިދާޅުވީ ސަރުކާރުން އައްޑުއަށް 90 މިލިއަން ރުފިޔާ ދޭއިރު ފޭދުއަށް ލިބެނީ އެންމެ 4.2 މިލިއަން ރުފިޔާ ކަަމަށާއި ނަމަވެސް ކުދި ރަށްރަށަށް 22 މިލިއަނެއްހާ ރުފިޔާ ލިބޭ ކަމަށެވެ. އެގޮތުން އައްޑޫ އަށް ލިބޭ ފައިސާއަށް ވާގޮތެއް ބަލަންޖެހޭ ކަމަށާއި އޮޑިޓުކުރަންޖެހޭ ކަމަށް އައިބީ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ރައްޔިތުންގެ ހައްގުތަކަށްވީ ގޮތް އެބަ ބަލަންޖެހޭ. މި 17 އަހަރުވެގެން ދިޔައިރު ޑިމޮކްރަސީގައި އައްޑޫ ސިޓީ އުފެދިގެން އައިފަހުން މިވީ ތަނުގައި އައްޑޫ ސިޓީގެ ފޭދުއާއި ހުޅުދުއާއި މީދު އާއި މަރަދޫފޭދޫގެ ރައްޔިތުންނަށް ހައްގުވީ ފައިސާވީ ތަނެއް ބަލަން އެބަޖެހޭ. އެ ތަންތާ އޭރު ވެރިކަންކުރި މީހުން ފައިސާއަށް ހެދި ގޮތެއް ބަލަން އެބަޖެހޭ،" އައިބީ ވިދާޅުވި އެވެ.
އައިބީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތައް އާންމުކުރާ އުސޫލުން މޭޔަރުންނާއި ކައުންސިލަރުންގެ މާލީ ބަޔާންތައް ވެސް އާންމު ކުރަން ޖެހޭނެ ކަމަށާއި ރައްޔިތުންގެ ފައިސާއަށް ވާގޮތް އެނގެން ޖެހޭނެ ކަމަށެވެ.
"އައްޑޫގެ އެއްވެސް ތަނަކަށް ތަރައްގީއެއް ނާދޭ. ސިޓީއޭ ކިޔަސް ވާކަމެއް ނެތް. ވައްކަންކުރަނީ ހުރިހާ ދިމާލަކުން. ކަރަންޓު ކެނޑެނީ ވައްކަންކުރާތީ، ފެން ކެނޑެނީ ވައްކަންކުރާތީ ކޮންމެ ސަރުކާރެއް ގޮސްފައި އަންނައިރަށް ބުނާނެ ކޮބާހޭ ކަރަންޓު،" އައިބީ ވިދާޅުވި އެވެ.
އައްޑޫގެ މޭޔަރު އަލީ ނިޒާރަށް ފާޑު ވިދާޅުވަމުން އައިބީ ވަނީ ނިޒާރު ގެންދަވަނީ "ކަޓު" ނަގައިގެން އައްޑޫގެ ބިންތައް ގާތް މީހުންނަށް ބަހަމުން ކަމަށް ތުހުމަތުކުރައްވާފަ އެވެ.
"އައްޑޫ ސިޓީއަށް ނިސްބަތްވާ މޭޔަރު، އެ ބޭފުޅާ ނިސްބަތްވާ އަތޮޅުގެ، އެ ބޭފުޅާގެ ގާތްތިމާގެ މީހުން ދައުލަތަށް ދައްކަންޖެހޭ ބިމުކުލި ހިތުހުރި ގޮތަކަށް މިލިއަން މިލިއަނުން މާފުކޮށްލާފަ އަދި އެބޭފުޅާ ބޭނުންވާ މީހުންގެ އަތުން ނަގަން ބޭނުންވާ ކަޓެއް ނަގައިގެން ބޭނުންވާ މީހުންނަށް މުޅި އަތޮޅުގެ ހުރިހާ ރަށެއްގެ ބިންތައް ބަހައި، އޭގެ ހައްގުވެރިންނަށް ބިން ނުދީ. އަޅުގަނޑުމެން ރަށުގެ، ފޭދޫގެ ޗާޓުވެސް އެ އޮތީ އޮޅުވާލާފައި،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ދާއިރާގެ އޮފީހުގައި ދާއިރާ ރައްޔިތުންނާ ބައްދަލުކުރައްވަން އެދިވަޑައިގެންނެވި ނަމަވެސް، ދާއިރާ އޮފީހަށް ނިޒާރު ގުޅުއްވައި ބިރު ދައްކަވާފައިވާ ކަމަށްވެސް އައިބީ ވިދާޅުވި އެވެ.