މީހަކު ބުނެއެވެ؛ އަހަރެން ކުޑަ ކުއްޖެއްގެ ގޮތުގައި ހުރި އިރު އަހަރެންގެ މަންމައާ ކުރި ސުވާލެއް ކުރީމެވެ. އަދިވެސް އިއްޔެ ކުރި ސުވާލެއްހެން އެ ސުވާލު އަހަރެން ހަނދާން އެބަހުއްޓެވެ! "މަންމާ، ކީއްވެ ތިޔަ ރޮނީ؟"
މަންމަ އަހަރެންނަށް ލޯތްބާއި ވަރުބަލިކަން އެކުލެވޭ ނަޒަރަކުން ބަލައި، އެތައް ވާހަކައެއް އެކުލެވިގެންވާ އަޖައިބު ހިނިތުންވުމެއްވެލައި މަޑު އަޑަކުން ޖަވާބު ދެއްވި އެވެ. "މަންމައަކީ އަންހެނެއް ވީމަ، ދަރިފުޅާ!"
އަހަރެންނަށް އެއްވެސް އެއްޗެއް ނުވިސްނުނެވެ. ހަމަ އެސުވާލާ ގުޅުވާލައި އަހަރެން މަންމައާ ސުވާލު ކުރީމެވެ. "އަންހެނުން ފިރިހެނުންނަށް ވުރެ ގިނައިން ރޮނީތަ؟"
މަންމަ އަހަރެންގެ ގައިގައި ވަރަށް ބާރަށް ބައްދައިގަތެވެ. އަހަރެން ދުރަށް ދާން އުޅޭހެން ހީވެގެންނެވެ. ދެން އަހަރެންގެ ކަންފަތް ދޮށުގައި މަޑުމަޑުން ބުންޏެވެ. "ދަރިފުޅު ބޮޑުވެ، ދެން އެ ދުވަހުން އެކަން އެނގޭނެ އެވެ."
އަހަރުތައް ފާއިތުވެގެން ދި ޔައެވެ. އަހަރެން ޙަޤީޤަތުގައި ވެސް ބޮޑުވެއްޖެއެވެ. އެކަމަކު އެ ޖަވާބު އަދިވެސް އޮޅުން ނުފިލާ އޮތެވެ. ވަކިވެގެން ދާން ބޭނުންނުވާ ޚިޔަލެއްހެން އަހަރެންގެ ހަނދާނުގައި ވަށައިގެން އު ޅެއެވެ. އަހަރެންގެ މަންމަ ރޮނިކޮށް ފެންނަ ކޮންމެ ފަހަރަކު، އަހަރެން ނުކުޅެދުންތެރިކަން އިހުސާސްކުރަމެވެ. އަދި މަންމަގެ ޖަވާބު ހަނދާންވެ އިތުރަށް ޙައިރާންވަމެވެ.
އެއްދު ވަހަކު އަހަރެން ބައްޕައާ ސުވާލުކުރީމެވެ. "ބައްޕާ! އަހަރެންގެ މަންމަ އެއްވެސް ސަބަބެއް ނެތި ގިނައިން ރޮނީ ކީއްވެގެން ހެއްޔެވެ؟ ބައްޕަ ކުޑަކޮށް ހިނިތުން ވެލައިފައި ވިދާޅުވި އެވެ. "ހުރިހާ އަންހެނުން ވެސް އެއްވެސް ސަބަބެއް ނެތި ރޮ އެވެ!"
ބައްޕަގެ ޖަވާބުން އަހަރެން ހިތްހަމައެއް ނުޖެހުނެވެ. އަދި އިތުރަށް ޙައިރާންވެއްޖެ އެވެ. އަހަރެންގެ މަންމަ ޙަޤީޤަތުގައިވެ ސް އެއްވެސް ސަބަބެއް ނެތި ރޮނީބާއެވެ؟ އޭނާ އެހާ ބަލިކަށިބާއެވެ؟ ކޮންމެ ކުޑަ ކަމަކަށް ފުނޑުފުނޑުވެގެންދާ ވަރަށް އެ މަންމަ ހަމަ ނާޒުކީބާވަ އެވެ؟
ދުވަސްތައް ފާއިތުވެގެން ދިޔަ އެވެ. އަހަރެން މީހަކާ އިނދެގެން، ފުރަތަމަ ދަރިފުޅު ލިބުނެވެ. އެއް ދުވަހަކު އަހަރެންގެ އަނބިމީހާ ރޮނިކޮށް ދުށީމެވެ. އޭނާ އަހަރެމެންގެ ދަރިފުޅު އުފަންވިތާ ގަޑިއިރުތަކެއް ފަހުން އޭނާގެ ދެއަތުގައި ހިފަހައްޓައިގެން ހުއްޓެވެ. އޭނާގެ މޫނުމަތީގައި ކަރުނަ ފުރިފައިވާއިރު، އޭނާގެ މޫނުމަތީގައި ހިނިތުންވުމެއްވެސް ފެތުރިފައިވެއެވެ.
އަހަރެން ޙައިރާންވެފައި އޭނާއާ ސުވާލުކުރީމެވެ. "ކީއްވެ ތިޔަ ރޮނީ؟"
އޭނާ ބުންޏެވެ. "އަހަރެންނަކަށް ނޭނގެ. އަހަރެންގެ ހިތް ހަމަތެޅެނީ އެވެ. އުފަލާއި ބިރުވެރިކަމާއި، ލޯބިތްބާއި ކަންބޮޑުވުން އެކުލެވިގެންވާ އިޙްސާސްތަކެކެވެ!"
އެހިނދު އަހަރެންނަށް ވިސްނެން ފެށިއެވެ. އަދި އެއްދުވަހަކު އަހަރެންގެ މަންމަ ވިދާޅުވި އެއްޗެއްގެ ޙަޤީޤީ މާނަ އިހުސާސްކުރެވެން ފެށިއެވެ. އެކަމަކު އަދިވެސް ފުރިހަމައަށް އެކަން ވިސްނައެއް ނުގަނެވެ އެވެ. ސަބަބަކީ ހިތަކަށް އެއް ފަހަރާ ހުރިކާ ކަމެއް ނޭނގޭނެތީ އެވެ. އޭގެ ބަދަލުގައި ހިތް މަޑުމަޑުން ފުރިހަމަވަމުން ދަނީ އެވެ. އަދި އެއް ރޭއަކު، އަހަރުތަކެއްގެ ތަޖުރިބާ އަށް ފަހު، އަހަރެން ޢިލްމުވެރިއެއްގެ ހުޅުވާލެވިފައިވާ ބައްދަލުވުމަކަށް ދިޔައީމެވެ.
ވާހަކަ ދެކެވެމުން ދިޔައީ "އަންހެނުންގެ ބާރުވެރިކަމާއި އެ މީހުންގެ ކަރުނައާ" ބެހޭ ގޮތުންނެވެ.
ހާޒިރުވެ ތިބި މީހުންގެ ތެރެއިން މީހަކު އަހަރެންގެ ކުރީގެ ސުވާލާ އެއްގޮތް ސުވާލެއް ކުރިއެވެ. "އަންހެނުން ގިނައިން ރޮނީ ކީއްވެގެންތޯ ސުވާލު ކުރިއެވެ؟"
ޢިލްމުވެރިޔާ ހިނިތުންވެލައްވާފައި ވިދާޅުވިއެވެ. މާތްﷲ އަންހެނުން ހެއްދެވި އިރު، އެމީހުންނަށް ފިރިހެނުންނަށް ނުކުޅެދޭ ވަރުގެ ކަންތައްތައް އުފުލުމުގެ ޤާބިލުކަން ދެއްވިއެވެ. އެ މީހުންނަށް މުޅި ދުނިޔެ އަށް ފުދޭވަރުގެ ހިތެއް ދެއްވި އެވެ. އަދި ލޯބިން އެމީހުންގެ ދަރިން ބަލަހައްޓާ ތަނަވަސް ހިތެއް ދެއްވި އެވެ. އަދި ދުނިޔެ ދަތިވެއްޖެ ނަމަ އެ ދުނިޔޭގައި ބައްދައިގަނެވޭ ދެ އަތް ދެއްވިއެވެ.
އެމީހުން ހެއްދެވީ ކެތްތެރިކަމުންނެވެ. އޯގާތެރިކަމުން ފޭރާން އަޅުއްވައި، ޤުރުބާންވުމުގެ ހެދުން ލެއްވިއެވެ. އޭނާ ކުޑަ ހިނދުކޮޅަކަށް ހަނުހުރެފައި ވާހަކަ ކުރިއަށް ގެންދެވިއެވެ: "އަދި އެމީހުންނަށް ކަރުނަ ދެއްވި އެވެ. އެއީ އެމީހުން ބަލިކަށިވެގެނެއް ނޫނެވެ. އެކަމަކު އެމީހުންނަށް ފުނޑުފުނޑުވެގެން ދިއުމަށް ވަގުތެއް ނެތީމައެވެ. ކަރުނައިން އެމީހުންނަށް ހިތްހަމަޖެހުން ލިބި، ތެދުވެ ކުރިއަށް ދެވެނީ އެވެ."
އެ ރޭ އަހަރެން ގެއަށް އައީ ވިސްނަމުންނެވެ. އަހަރެންގެ މަންމައަށް ބެލީމެވެ. އޭރު އެ މަންމަ ވަނީ މުސްކުޅިވެފަ އެވެ. މުޅި ބޮލުގައި ހުރީ ހުދުކުލައިގެ ވިދަވިދާ ހުރި ނުރަ އެވެ. މޫނުމަތީގައި އަހަރުތަކުގެ ރޮނގުތައް ހަނދާންތަކުގެ ޗާޓެއްހެން ކުރެހިފައިވެ އެވެ. މަންމަ އިނީ ހަނުހިމޭނުންނެވެ.
ތަސްބީހަ ކިޔަމުން ހިނިތުންވެލައްވާފަ އެވެ. އަހަރެން މަންމަގެ ކައިރިއަށް ގޮސް، ކުޑައިރު ކުރިހެން މަންމަ ފައިދޮށުގައި އިށީނީމެވެ.
އަހަރެން މަންމަ އަށް ބުނީމެވެ. "މަންމާ، މިހާރު އަހަރެންނަށް ވިސްނިއްޖެ އެވެ. މަންމަ ޙައިރާންވެފައި އަހަރެންނަށް ބަލާފައި ބުންޏެވެ. "ކޯއްޗެއް ވިސްނުނީ ދަރިފުޅާ؟"
އަހަރެން މަންމަގެ އަތުގައި ބޮސްދެމުން ބުނީމެވެ. "މަންމަ ރޮނީ ކީއްވެގެންކަމެވެ. މަންމަ ހިނިތުންވެލައިފައި، އަހަރެންގެ ބޮލުގައި ފިރުމަމުން ބުންނެވެ. "ވަރަށް ލަސްވެއްޖެ އެވެ. އެކަމަކު ހިތް ފުރިހަމަވާ އިރު އެ ވިސްނުން ލިބުމަކީ ކިހާ ރީތި ކަމެއް ހެއްޔެވެ؟ ދެން އިތުރު ބުންޏެވެ! "ދަރިފުޅާ، އަހަރެމެން ރޮނީކީ ފިރިހެނުން ހީކުރާހެން ބަލިކަށިވެގެނެއް ނޫނެވެ. އަހަރެމެން ރޮނީ އަހަރެމެންނަކީ އެންމެ ބާރުގަދަ ބައެއް ވީމަ އެވެ. އެކަމަކު ހަޅޭއްލަވާ ނުވަތަ އަމިއްލަ އަށް ނެތިދިއުމަށް ވަގުތެއް ނެތެވެ. ކަރުނައިން އަހަރެމެންގެ ވޭން ކުރުކޮށްލެވެނީ އެވެ. ދެން އެ ފުހެލާފައި މަގު ކުރިއަށް ދަމެވެ." އެ ވަގުތު…އަހަރެންނަށް އިހުސާސްވީ އަންހެނުންނާ މެދު ދުވަހަކުވެސް އެކަށީގެންވާ ގޮތަށް ނުވިސްނޭކަމެވެ.
ނޯޓް: މިއީ ޝެއިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.