އައްޑޫ ހިތަދޫ ސްކޭޓް ޕާކް ހަދަން ތައްޔާރުވަމުން އަންނާތީ އެކަމަށް ކަނޑަައަޅާފައިވާ ސަރަހައްދުގައި އެހެލާފައިވާ އުޅަނދުތައް ނަގަން ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.
ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ސްކޭޓް ޕާކް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ކަމަށްވާ ރަށްދެބައި މަގުގެ އުތުރުން ލިންކް ރޯޑުގެ އިރުމަތީ ފަރާތު އައްސޭރިފަށުގައި ކައުންސިލް އިދާރާގެ ހުއްދަ ނެތި އެހެލާފައިވާ ދެ ދޯންޏާއި ލޯންޗެއް އޮތްކަން ފާހަގަވެފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ ސްކޭޓް ޕާކް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާތީ މި މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެ ތަކެތި ނެގުމަށް އަންގާ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި އެ އުޅަނދުތައް ނުނަގައިފި ނަމަ "ޢާންމު ތަންތަނާއި މަގުމައްޗާއި ފަޅު ތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާއިބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން އެ އުޅަނދުތައް ނެގުމުގެ މަސައްކަތް ކައުންސިލުން ކުރާނެ ކަމަށް ބުންޏެވެ.
ހިތަދޫގައި ސްކޭޓް ޕާކެއް ތަރައްގީ ކުރަން ތައްޔާރުވަމުން އަންނަ އިރު، އެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށްލީ މިދިޔަ އޮގަސްޓް މަހުގެ ތެރެގަ އެވެ.
ކައުންސިލުން ވަނީ މަރަދޫފޭދޫގައި ވެސް ސްކޭޓް ޕާކެއް ހަދައިފަ އެވެ.