Last Updated: July 3, 18:27
Friday, July 3, 2026
ޚަބަރު

މައިންގެ ފަރާތުން ޖެހޭ ތިން ބައްޔެއް ނައްތާލި ފުރަތަމަ ގައުމަކަށް ރާއްޖެ

މައިންގެ ފަރާތުން ތުއްތު ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ ނުފެތުރޭ ފުރަތަމަ ގައުމަކަށް ރާއްޖެ ވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން އިއުލާނުކުރި ގޮތުގައި އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ މައިންގެ ގައިން ތުއްތުދަރިފުޅަށް އެރުން ރާއްޖޭން މިހާރު ވަނީ ނައްތާލައިފަ އެވެ. މީގެ ތެެރެއިން އެޗްއައިވީ އާއި ސިފިލިސް މައިންގެ ގައިން ތުއްތު ދަރިންނަށް އެރުން ހުއްޓުވާފައިވާކަން ޑަބްލިއުއެޗްއޯ އިން 2019 ވަނަ އަހަރު ވަނީ ބަލައިގެންފަ އެވެ.

މައިންގެ ގައިން ތުއްތު ދަރިންނަށް ތިން ބައްޔެއް އެރުން ހުއްޓުވި ފުރަަތަމަ ގައުމަށް ރާއްޖެ ވީ، ހެޕަޓައިޓިސް-ބީ އެގޮތަށް ފެތުރުން ހުއްޓުވުނުކަން ޑަބްލިއުއެޗްއޯއިން ބަލައިގަތުމާ އެކުގަ އެވެ.

ރާއްޖޭގެ މިކާމިޔާބީއަށް ތައުރީފުކުރައްވައި ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދޮނަމް ގެބްރިޔޭސުސް ވިދާޅުވީ މައިންނާއި ތުއްތު ކުދިންގެ ސިއްހީ ހާލަތު ރަނގަޅުކުރަން ރާއްޖޭގެ ޕޮލިޓިކަލް ވިލް ވަރުގަދަ ކަމަށާއި އެކަމަށް ރަނގަޅަށް އިންވެސްޓްކޮށްފައިވާ ކަމަށެވެ.

ރާއްޖެއިން ހޯދި މި ކާމިޔާބާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންނާއި ކަމާ ގުޅޭ ހުރިހާ ފަރާތްތަކަށް މަރުހަބާ ކިޔުއްވާފަ އެވެ. މީގެ އިތުރުން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިކަން ފާހަގަކުރައްވަމުން ވިދާޅުވީ މިއީ ވަރަށް ބޮޑު ފަހުރެއްކަމަށާއި، ދެމެހެއްޓެނިވި، ހަމަހަމަ އަދި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ދެމިހުންނާނެ ކަމަށެވެ.