Last Updated: July 3, 19:06
Friday, July 3, 2026
ޚަބަރު

މީޑިއާ ކޮމިޝަނަށް ހަތަރު ބޭފުޅަކު އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް--

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނު ދަށުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ހޮވުނު ބޭފުޅުން އެ ކޮމިޝަނުގެ މެންބަރުކަމަށް ހަމަޖައްސަވައިފި އެވެ.

ކޮމިޝަންގެ މެންބަރުކަމަށް ހަމަޖައްސަވާފައި ވަނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި ށ.ފޭދޫ މޫނިމާގެ، އަބްދުލްއަޒީޒް އިބްރާހީމާއި ގދ.ތިނަދޫ، މަލަ، ޒަމްއަތު އަޙްމަދު ވަހީދެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި ގދ. ރަތަފަންދޫ، ވެލީގެ، ސިމާހާ ނަސީމާއި ހދ. ވައިކަރަދޫ، ހިސާން، ހުސައިން ސަގީފެވެ.

މި ހަތަރު މެންބަރުންނަކީ އެހެން ބަޔަކު ކުރިމަތިނުލާތީ އިންތިހާބެއް ނެތި ހޮވިފައިވާ ހަތަރު މެންބަރުންނެވެ.

ޖުމްލަ ހަތް މެންބަރުން ތިބޭ މި ކޮމިޝަނަށް މީޑިއާތަކުން އިންތިޚާބުކުރާނީ ހަތަރު މެންބަރުންނެވެ. އޭގެ ތެރެއިން ދެ މެންބަރުންނަކީ އޮންލައިން މީޑިއާގެ ފަރާތުން އަދި އަނެއް ދެ މެންބަރުންނަކީ ބްރޯޑްކާސްޓަރުންގެ ފަރާތުން އިންތިޚާބުކުރާ މެންބަރުންނެވެ.