Last Updated: July 3, 19:06
Friday, July 3, 2026
ޚަބަރު

ކުރީގެ އޭޖީ ރިފްއަތު ވެސް އޭސީސީއަށް ހާޒިރުކުރަނީ

އިބްރާހިމް ރިއްފަތު - ފޮޓޯ: އޭޖީ

ކުރީ ސަރުކާރުގެ އެޓާނީ ޖެނެރަލް، އިބްރާހިމް ރިފްއަތު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހާޒިރުވާން އަންގައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ބަންޑާރަނައިބު ރިފްއަތު ވެސް އެސީސީގެ ތަޙުޤީޤަށް ހާޒިރުވާން އަންގާފައިވާ ކަމަށާއި މިއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މިއީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން އެމްޑީޕީގެ މެންބަރުންނަށް ބިރުދެއްކުމުގެ ގޮތުން ހިންގާ ސިލްސިލާ ހަރާކާތެއް ކަމަށް ސޯލިހު ވިދާޅުވި އެވެ.

"ސިޔާސީ ނުފޫޒުގައި ޖެހި ރައްޔިތުންގެ އިތުބާރު ގެއްލޭ މިޒާތުގެ ކަންކަން ނުކުރުމަށް އޭސީސީގެ ވެރިންނަށް އިލްތިމާސްކުރަން،" ސޯލިހު ވިދާޅުވި އެވެ.

ރިފްއަތު އޭސީސީއަށް ހާޒިރުކުރާއިރު، އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި އެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް އޭސީސީއަށް ހާޒިރުކޮށްފައިވެ އެވެ. އަދި އެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ވެސް ވަނީ އޭސީސީއަށް ހާޒިރުވާން އަންގައިފަ އެވެ.