ށ. ބިލެތްފަހީ އެއާޕޯޓުގެ މަސައްކަތް ދެ އަހަރުތެރޭގައި ނިންމައި ހުޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބިލެތްފަހީ އެއާޕޯޓުގެ މަސައްކަތް ސަރުކާރުން މިއަދު ވަނީ އެމްއޭސީއެލްއާ ހަވާލުކޮށް، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފަ އެވެ.
ށ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ބިލެތްފަހީ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެއާޕޯޓު މަޝްރޫއުއަށް ބޭނުންވާ 36 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ގިނަވެގެން 8 މަސް ދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށެވެ. އަދި އެއާޕޯޓު މަޝްރޫއާ ގުޅުން ހުރި ހުރިހާ ކަމެއް ނިންމައި ގިނަވެގެން ދެ އަހަރާއި ބައި ނުވަތަ 30 މަސް ދުވަހުގެ ތެރޭގައި ނިންމައި އެއާޕޯޓު ހުޅުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ބިލެތްފަހީ އެއާޕޯޓާއި ގުޅޭ ވައުދުތަކާއި އެކަމާ ގުޅޭ މަސައްކަތްތަކެއް މީގެކުރިން ކުރެވިފައި އެބަހުރި ކަމަށާއި ނަމަވެސް މިހާ ހިސާބަށް އެ މަސައްކަތްތައް ކާމިޔާބު ކުރެވިފައި ނެތް ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް މިއަދު ފެށި މަސައްކަތް މަޑުޖެހުމެއް ނެތި ކުރިއަށް ގެންގޮސް، ނިންމައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.
"އެއްވެސް ވަރަކަށް މަޑުޖެހުމެއް ނެތް، ބާރު ސްޕީޑުގައި ކުރިއަށްދާނެ މަޝްރޫއެއް މިއީ. އެ ޔަގީންކަން މި އަރުވަނީ، އެކަމުގެ ފުރިހަމަ ޔަގީންކަން އޮވެގެން،" ރައީސް ވިދާޅުވި އެވެ.
އެއާޕޯޓު މަޝްރޫއު އަކީ ބިލެތްފަހި އަދި މުޅި ސަރަހައްދުގެ އިގްތިސާދީ ތަރައްގީއަށް ވެސް ވަރަށް މުހިއްމު މަޝްރޫއެއް ކަމަށާއި މީގެ ސަބަބުން ލިބިގެންދާނެ ތަރައްގީ އާއި މުހިއްމުކަން އަންދާޒާ ކުރެވޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.