މިސްރުން ދޭ އެންމެ މަތީ ޝަރަފް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަރުވައިފި އެވެ.
މިސްރުގެ އެންމެ ޝަރަފުވެރި ލަގަބު "އޯޑާ އޮފް ދަ ނައިލް" ޓްރަމްޕަށް އެރުވީ ފަލަސްތީނުގެ ގާޒާގައި ދެ އަހަރު ވަންދެން ދިން ހަމަލާތަކަށް ނިމުމެއް ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ޓްރަމްޕް މިސްރަށް އިއްޔެ ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މި ޝަރަފު ޓްރަމްޕަށް އެރުވުމަށް ނިންމީ ގާޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އޭނާ އަދާކުރެއްވި ދައުރު ފާހަގަކުރުމުގެ ގޮތުންނެވެ. މިއީ މިސްރުން ވަރަށް މަދު ގައުމުތަކެއްގެ ލީޑަރުންނަށް އަރުވާ ޝަރަފެކެވެ.
ޓްރަމްޕް ވިދާޅުވީ މިއީ އޭނާއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އެކަމަށްޓަކާ މިސްރުގެ ރައީސް އަބްދެލް ފައްތާހް އަލް ސިސީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލައި ޓްރަމްޕު ހުށަހެޅުއްވި ސުލްހައިގެ ޕްލޭނުގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރަން މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ އަސީރުން މިނިވަންކޮށްފައިވާއިރު، އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގާތްގަނޑަކަށް 2،000 މީހުން ވަނީ މިނިވަންކޮށްފަ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި ގާޒާ ހަނގުރާމަ މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ. އަދި ސުލްހައިގެ ޕްލޭން ދަމަހައްޓާނެ ކަމުގެ ޔަގީންކަން އިޒްރޭލާއި ހަމާސް އިން އެކި ގޮތްގޮތުން ދީފައިވާއިރު މިކަން ކާމިޔާބުވާނެ ކަމަށް ގަބޫލުކުރަނީ އެހެންވެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
ހަމަލާތައް ހުއްޓާލަން އެއްބަސްވި އިރު މި މަހުގެ ހަތް ވަނަ ދުވަހު ވަނީ މި ހަމަލާތަކަށް ދެ އަހަރު ވެފަ އެވެ. އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި 67،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.