Last Updated: July 3, 18:27
Friday, July 3, 2026
ޚަބަރު

އައްޑޫ ކައުންސިލް ބައިބައި ކުރަން ނިޒާރު ވެސް ދެކޮޅު

ފޭދޫ އުތުރު ދާއިރާގެ މެންބަރު ނިޒާރު - ފޮޓޯ: މަޖިލިސް

އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް މި މަހު ނަގާ ވޯޓުގައި ކައުންސިލް ބައިބައިކުރުމާ ދެކޮޅުކަން ކަމަށް ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު އިސްމާއިލް ނިޒާރު ހާމަކުރައްވައިފި އެވެ.

އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބެލުމަށް މި މަހު 25 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓް ނަގަން ހަމަޖެހިފައި ވަނީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ.

މިކަމާ ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ ތާއިދުކުރަނީ އެއްބައިވަންތަކަމަށް ކަމަށާއި ސަބަބަކީ އެކުގައި ތެދުވެ ތިބޭއިރު މާ ވަރުގަދަވާނެތީ ކަމަށެވެ. އައްޑޫގެ ކުރިމަގު ބައްޓަން ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށްވާއިރު، ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކަށް ވެސް އިހުތިރާމް ކުރާނެ ކަމަށާއި ބައިބައިވުމަށް ވުރެ އެއްބައިވަންތަކަން މާ މުހިއްމު ކަމަށްވެސް ނިޒާރު ވިދާޅުވި އެވެ.

އައްޑޫ ކައުންސިލް ބައިބައި ކުރުމާ ދެކޮޅުކަން ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު އަޒާން ވެސް ވަނީ ހާމަކުރައްވާފަ އެވެ. ނަމަވެސް ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ދީދީ (އައިބީ) އަންނަނީ ފޭދޫގައި ވަކި ކައުންސިލެއް ގާއިމުކުރަން ވަކާލާތު ކުރަމުންނެވެ.

އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ހިޔާލު ހޯދުމުގެ ވޯޓެއް މި މަހު ނަގާނެކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ މަހުގެ 17 ގަ އެވެ.

ރައީސް ވިދާޅުވީ އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެކަން އެ މަނިކުފާނާ ހަމައަށް އައިސްފައިވާ ކަމަށެވެ. އަދި ރައްޔިތުން އެދޭ ކަހަލަ ދާއިމީ ހައްލެއް ގެނެސް ދެއްވާނެ ކަމަށް އައްޑޫ މީހުންނަށް ވައުދުވެވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.