އަމިއްލަ ހަށި ރައްކަލަކަށް ބަޑިއެއް ގެންގުޅުމުގެ ހުއްދައަކަށް ބޮލީވުޑްގެ ކުރީގެ ބަތަލާ ސަންގީތާ ބިޖްލާނީ އެދިއްޖެ އެވެ.
އޭނަ އެކަމަށް އެދުނީ ޕޫނޭގެ ރޫރަލް ފުލުހުންގެ ފަރާތުންނެވެ. ނަމަވެސް އެ ހުއްދަ ސަަންގީތާއާ ދިނުމާ މެދު އަދި ފުލުހުން ވަކި ގޮތެއް ނިންމި އެވެ.
އަށްޑިހަ އާއި ނުވަދިހައިގެ ތެރޭގައި އާންމުންގެ މެދުގައި މަޝްހޫރުވި ސަންގީތާ އަކީ މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ އެންމެ ފުރަތަމަ ސީރިއަސް ލޯބިވެރިޔާ އެވެ.
މިހާރު އުމުރުން 65 އަހަރުގެ ބަތަލާ ހަށި ރަށިކައްލަކަށް ހަތިޔާރެއް ގެންގުޅުމުގެ ހުއްދައަށް އެދުނީ މިދިޔަ ޖުލައި މަހުގެ މެދުތެރޭގައި ޕަވާނާގައި ހުންނަ އޭނަގެ ފާމްހައުސް ފަޅާލައިގެން ވަދެ، ބަޔަކު ވައްކަންކޮށްގެން ގެއްލުންތަކެއް ދިން މައްސަލަ ފުލުހުންނަށް ހުށަހެޅި ނަމަވެސް އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާތީ އަމިއްލަ ސަލާމަތާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކާ ހެދި ކަމަށް ބުންޏެވެ.
ފާމްހައުސް ޖުލައި މަހުގެ 18 ގައި ފަޅާލި އިރު، އެތަނުގައި ސަންގީތާއެއް ނެތެވެ.
ބޮލީވުޑް ހަންގާމާ އަށް އޭނަ ބުނީ ފާމްހައުސް ފަޅާލި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާނެކަމުގެ ޔަގީންކަން ފުލުހުން ދިން ނަމަވެސް އެ ތަހުގީގަށް އެއްވެސް ކުރިއެރުމެއް މިހާތަނަށް ހޯދިފައި ނުވާ ކަމަށެވެ.
"އެހެންވެ މިހާރު ޕަވާނާގެ ރައްކާތެރިކަމާ މެދު ވަރަށް ކަންބޮޑުވޭ. މި ތަނުގައި އަހަރެން ދިރިއުޅޭތާ މިހާރު ވިއްސަކަށް އަހަރުވެއްޖެ. އެކަމަކު އަހަންނަށް މިހާރު ރައްކާތެރިކަމެއް އިހުސާސެއް ވެސް ނުކުރެވޭ،" ސަންގީތާ ބުންޏެވެ. "އެހެންވެ އަމިއްލަ ހަށިރައްކަލަށްޓަކައި ހަތިޔާރެއް ގެންގުޅުމުގެ ހުއްދައަކަށް އެދުނީ."
އޭނަ ބުނީ އަންހެނެއްގެ ހައިސިއްޔަތުން ވެސް ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހުމަކީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި ޕަވާނާ ސަރަހައްދުގެ އަމާންކަމާއި ރައްކާތެރި ކަމަށް މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް ވެސް އަޅަން ޖެހިފައިވާ ކަމަށެވެ.
ސަންގީތާގެ ކުރު ފިލްމީ ކެރިއަރުގައި ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ތުރީދޭވް"، "ހާތިމް ތާއީ" އަދި "ޚޫން ކާ ކަރްޒް" ހިމެނެ އެވެ. އޭނަ އާއި ކުރީގެ ކްރިކެޓް ތަރި މުހައްމަދު އަރުހަރުއްދީން 1996 ގައި ކުރި ކައިވެނި 2010 ގައި ރޫޅާލާފައިވާ އިރު، އެ ކައިވެންޏަށް ދަރިޔަކު ލިބިފައެއް ނުވެ އެވެ.
ސަންގީތާ އާއި ސަލްމާން ކައިވެންޏަކާ ހަމައަށް ގޮސްފައި ވަނިކޮށް ލޯބީގެ ގުޅުން ނިމުމަކަށް އަޔަސް މިހާރު ވެސް އެ ދެ މީހުންނަކީ ވަރަށް ގާތް ދެ ރައްޓެހިންނެވެ. އެގޮތުން ސަލްމާންގެ އާއިލީ އެކިއެކި ހަފުލާތަކުން ސަންގީތާ ފެނުމަކީ ވަރަށް އާންމު ކަމެކެވެ.
އޭނަ ހަށި ރައްކަލަކަށް ބަޑިއެއް ގެންގުޅުމުގެ ހުއްދައަކަށް އެދުނު އިރު ސަލްމާނަށް ވެސް ތަކުރާރުކޮށް މަރުގެ އިންޒާރު މި ފަހުން ލިބެމުން ދިއުމާ ގުޅިގެން ބަޑިއެއް ގެންގުޅުމުގެ ހުއްދަ އަށް 2022 ގައި އެދުމުން އެ ހުއްދަ ދީފައިވެ އެވެ.