މި ސަރުކާރުން އުފެއްދި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކް (އެމްޑީބީ) ގެ ފެށޭނެ އިރެއް ހާމަ ނުކުރައްވައި އެތަނުގެ މަސައްކަތްތައް އަންދާޒާކުރި ގޮތަށް ކުރިއަށްދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އޭނަ މަޖިލީހަށް މިއަދު ހާޒިރުކޮށް ޑީބީއެމާ ބެހޭ ގޮތުން ފެންމަތި ކުރި ސުވާލުތަކާ ގުޅިގެން ވިދާޅުވީ އެ ބޭންކަކީ ކޮންމެ ރައްޔިތަކު އެކައުންޓު ހުޅުވައިގެން ބޭނުންކުރާ ބޭންކެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ތަރައްގީއަށް ފައިސާ ހޯދައިގެން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އުފެއްދި ބޭންކެއް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަންދާޒާކުރި ގޮތާ އެއްގޮތަށް ކުރިއަށް އެބަދޭ،" ސައީދު ވިދާޅުވި އެވެ. "ވަރަށް ބާރު ސްޕީޑުގައި ކުރިއަށް އެބަދޭ."
އެއާ ވިއްދައިގެން މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ސަރުކާރުގެ ދަރަނި ތަތައް ވަރަށް ބޮޑު ކަމަށާއި އެ އަޑިގަނޑުން އަރައިގަތުމަށް އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އޭރުގެ ރޭޓިން އާއި ދިވެހި ރާއްޖެ އޮތް ހިސާބަށް ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ. ވަރަށް އަވަހަށް އިރާދަކުރެއްވިއްޖިއްޔާ ޑިވެލޮޕްމަންޓު ބޭންކު އޮޕަރޭޝަނަލައިޒް ވެގެން ދާނެ." ސައީދު ވިދާޅުވި އެވެ.
ޑީބީއެމް ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގަ އެވެ. އެތަން ހުޅުވަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) އިން ހުއްދަ ދިނީ އެ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ގަ އެވެ.