ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކުގެ ބަސް ދަސްކޮށް ދޭން، ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އެކު ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިނިސްޓްރީން ބުނީ ޓޫރިޒަމް ދާއިރާގައި ގިނަ ދިވެހީންތަކެއް ވަޒީފާ އަދާކުރަމުން އަންނަ އިރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭރު ބަސްބަހުން މުޢާމަލާތް ކުރުމަށް އެކަށީގެންވާ ތަމްރީނު ލިބިފައިވާ ދިވެހީން މަދުވުން ކަަމަށެވެ. އެހެންވެ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކުގެ މީހުން ވާހަކަ ދައްކާ ބަސްތައް ދަސްކުރުން މުހިއްމު ކަމަށް ބުންޏެވެ. އެގޮތުން
ޓޫރިސްޓުންނަށް ޚިދުމަތް ދިނުމުގައި ފްރޮންޓް ލައިންގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނާއި ޓޫރިސްޓުންނާ ދެމެދު އޮތް މުޢާމަލާތުކުރުމުގެ ދަތިކަން ނައްތާލެވިއްޖެ ނަމަ، ދާއިރާގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން ހަ ބަހެއް ދަސްކޮށް ދޭން ޕްރޮގްރާމްތަކެއް ހިންގަން ވަނީ ނިންމައިފަ އެވެ.
ތަމްރީނު ކުރާނެ ބަސްތަކާއި ތަމްރީނު ކުރާނެ އަދަދު:
* މެންޑަރިން: 200 ޖާގަ
* ފްރެންޗް: 50 ޖާގަ
* ޖަރުމަން: 50 ޖާގަ
* ޖަޕަނީޒް: 50 ޖާގަ
* އަރަބި: 50 ޖާގަ
* އިޓާލިއަން: 25 ޖާގަ
އެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންގެ ޓިއުޝަން ފީ ހަމަޖައްސައި ދޭނީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުންނެވެ.
ތަމްރީނު ޕްރޮގްރާމް އަމާޒުކުރާނީ ޓޫރިސްޓުންނަށް ޚިދުމަތް ދިނުމުގައި މިހާރު ހަރަކާތްތެރިވާ މުވައްޒަފުންނަށާއި ދާއިރާގެ ވަޒީފާތަކަށް ނުކުންނަން ޝައުގުވެރިކަން ހުރި ފަރާތްތަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.