Last Updated: June 8, 15:03
Monday, June 8, 2026
މުނިފޫހިފިލުވުން

ސިދާންތުގެ ކްރީޗާ ތުރިލާ ހުއްޓާލައިފި

ނެޓްފްލިކްސް އާއި އަޖޭ ދޭވްގަން ގުޅިގެން، ބޮލީވުޑްގެ ޒުވާން އެކްޓަރު ސިދާންތު ޗަތުރަވެދީ ހިމަނައިގެން ހަދަން ތައްޔާރީތައްވަމުން އައި ކްރީޗާ ތުރިލާގެ މަސައްކަތް މިހާރު ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުުޑްގެ ޚަބަރުތައް ގެނެސްދޭ ބައެެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ރަމްރީ" ގެ ނަން ދީފައިވާ މި ފިލްމުގެ މަސައްކަތް ހުއްޓައިލަން ޖެހުނީ ބަޖެޓް މައްސަލަތަކަކާ ހެދި އެވެ.

މި ފިލްމަކީ އިންޑިއާ އަށް މިނިވަން ލިބުމުގެ ދެ އަހަރު ކުރިން 1945 ގައި ހިނގައިދާ ހާދިސާއަކަށް ބިނާކޮށް ހަދަން ނިންމި ފިލްމަކަށްވާތީ ފިލްމުގެ ސެޓްތަކަށާއި ވީއެފްއެކްސް އަށް ވެސް ވަރަށް ބޮޑު ހަރަދުތަކެއް ދާނެތީ، ބަޖެޓާ ގުޅޭ ގޮތުން ނެޓްފްލިކްސް އާއި އަޖޭގެ ކުންފުނި، ދޭވްގަން ފިލްމްސް އަށް އެއްބަސްވުމަކަށް ނާދެވިގެން ފިލްމުގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"ރަމްރީ" ނަހަދަން މި ވަގުތަށް ނިންމި އިރު، ސިދާންތު ގެންދިޔައީ މިއަށް ތައްޔާރީތަކެއް ވެސް ވަމުންނެވެ. އެގޮތުން ކުޅެން ޖެހޭ ކެރެކްޓާ އަށް އޭނަގެ ހަށިގަނޑު ތައްޔާރު ކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

ރަސްމީކޮށް މި ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައިވާ ނުވާ އިރު، ބައެއް މީޑިއާތަކުން ބުނި ގޮތުގައި "ރަމްރީ" އަކީ ދެ އެކްޓަރުން ހިމެނޭ ފިލްމެކެވެ. އެކަމަކު މީގެ ޑައިރެކްޝަނާ ހަވާލުވީ ވެސް ކާކުކަމެއް ނޭނގެ އެވެ.

ސިދާންތުގެ އެންމެ ފަހުގެ ފިލްމަކީ އޮގަސްޓްގައި ރިލީޒްކުރި "ދަޅަކް 2" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ ޑައިރެކްޓަރު ވިކާސް ބާލްގެ ރޮމޭންޓިމް ކޮމެޑީ "ދިލް ކާ ދަރުވާޒާ ކޯލް ނާ، ޑާލިން" ހިމެނެ އެވެ.