Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ހުވަދޫ ގޮތަށް އައްޑޫ ބައިބައިކޮށްލަން ފުރުސަތު ނުދީ

މީގެ ކުރިން ބޮޑު ހުވަދު އަތޮޅު ބައިބައިކޮށްލި ގޮތަށް އައްޑޫ ސިޓީ ބައިބައި ކުރަން ފުރުސަތު ނުދިނުމަށް ވިލިނގިލީ ދާއިރާގެ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ސައުދު ހުސައިން ގޮވާލައްވައިފި އެވެ.

މިހާރު ސިޓީ ކައުންސިލެއް އޮތް އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ މި މަހުގެ ފަހުކޮޅު އެ ތިން އަވަށުގެ މީހުންގެ މެދުގައި ނުފެންނަ ނުފެންނަ ވޯޓެއް ނަގަން ތައްޔާރުވަމުންދާތީ އެކަމާ ގުޅުވައި އޭނަ ސޯޝަލް މީޑިއާގައި ވިދާޅުވީ އައްޑޫ ބައިބައިކޮށް ނިކަމެތިކޮށްލުމަށް ފުރުސަތު ނުދިނުމަށް އައްޑޫގެ ހުރިހާ އެކުވެރިންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"ދެކުނުގެ ރައްޔިތުން ތިބެން ވާނީ އެއްބައެއްގެ ގޮތުގައި. އެކަން ދެމެހެއްޓޭނީ އައްޑޫން ފެންނަ އެއްބައިވަންތަ ކަމަކުން. އައްޑު އަކީ ދެކުނުގެ ދަންމަރު،" ސައުދު ވިދާޅުވި އެވެ. "ބައިބައިވުމަކީ ނިކަމެތި ކަމެއް. މިއަދު ވަކިވަކި ކައުންސިލްތަކެއް އުފެއްދުމަށް ގެންގުޅޭ ވިސްނުން މާދަމާ ވާނީ ވާދަވެެރިކަމާ ހެދި ޚިޔާލު ތަފާތުވުން ބޮޑު ތަކުލީފަކަށް."

އޭނަ ވިދާޅުވީ ގައުމުގެ އެއްވެސް އިހްތިސާސެއްގައި ބައިބައިވުމަށް ނުވަތަ ވަކިވެގަތުމަށް ޖާގަ ލިބޭ ފަދަ ކަންކަމަށް ފެންނަ ނުފެންނަ ޚިޔާލު ހޯދުމުގެ ވޯޓަކީ ކުދި ޖަޒީރާ ގައުމަކަށް ނުރައްކާތެރި ވިސްނުމެއް ކަމަށެވެ.

އައްޑޫ ފޭދު އާއި މީދޫ އަދި ހުޅުދޫގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބެލުމަށް ވޯޓް ނަގަން ހަމަޖެހިފައި ވަނީ މި މަހުގެ 25 ގަ އެވެ.