މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަހު ރާއްޖޭ އިން މަސް އެކްސްޕޯޓްކުރިން މިންވަރު 90 ޕަސެންޓަށް ވުރެ އިތުރުވެއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ މަންތުލީ ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާ ގޮތުން، އަހަރުގެ ފުރަތަމަ އަށް މަސްދުވަހު ބޭރުކުރި މަހުގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 90.3 ޕަސެންޓް އިތުރެވެ.
ޖެނުއަރީން ފެށިގެން އޮގަސްޓާ ހަމައަށް ރާއްޖެއިން ޖުމްލަ 57,318 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓްކުރީ 30,125 މެޓްރިކް ޓަނުގެ މަހެވެ.
ޚާއްޞަކޮށް ތާޒާ، ފިނިކުރި ކަނޑުމަހުގެ ގޮތުގައި މި މުއްދަތުގައި އެކްސްޕޯޓްކޮށްފައި ވަނީ 51,624 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓްކުރީ 24,980 މެޓްރިކް ޓަނުގެ މަހެވެ. އެހެންވެ އެއީ 106.7 ޕަސެންޓްގެ ކުރިއެރުމެކެވެ.
ޕްރޮސެސްކޮށްގެން ބޭރުކުރާ މަހުގެ މިންވަރަށް ބަލާއިރު ވެސް ވަނީ ކުރިއެރުމެއް ލިބިފައެވެ. އެގޮތުން ފުރަތަމަ އަށް މަސްދުވަހު 1,118.8 މެޓްރިކް ޓަނުގެ ޕްރޮސެސްކުރި މަސް އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓްކުރީ 679.2 މެޓްރިކް ޓަނުގެ މަހެވެ. މިއީ ޕްރޮސެސްކުރި މަހުގެ އެކްސްޕޯޓް 64.7 އިތުރުވުމެކެވެ.
ރާއްޖެ މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ.