Last Updated: June 8, 15:03
Monday, June 8, 2026
މުނިފޫހިފިލުވުން

އަގަސްތިއާގެ ދެވަނަ ފިލްމުގެ ޕޯސްޓަރު ދައްކާލައިފި

އަމީތާބް ބައްޗަންގެ ކާފަދަރިފުޅު، އަގަސްތިއާ ނަންދާގެ ދެވަނަ ފިލްމު "އިއްކިސް" ގެ ޕޯސްޓަރުތަކެއް މިއަދު ދައްކާލައިފި އެވެ.

ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމަކީ ބޮލީވުޑްގެ މިހާރުގެ އެންމެ ކާމިޔާބު ސްޓޫޑިއޯތަކުގެ ތެރޭގައި ހިމެނޭ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް ކުޅަދާނަ ޑައިރެކްޓަރު ސްރީރާމް ރަގްވަން ޑައިރެކްޓްކޮށްފައިވާ ތާރީހީ ބައޮގްރަފިކަލް ޑްރާމާއެކެވެ.

"އިއްކިސް" ގައި އަގަސްތިއާ ކުޅެފައި ވަނީ އުމުރުން 21 އަހަރުގައި މަރުވެފައިވާ އަސްކަރީ އޮފިސަރެއް ކަމަށްވާ އަރޫން ކެތުރިޕާލްގެ ރޯލެވެ. އޭނަ މަރުވީ ޕާކިސްތާނާއި އިންޑިއާއާ ދެމެދު 1971 ގައި ހިނގި ބަސަންތަރު ހަނގުރާމައިގަ އެވެ.

އަމީތާބްގެ އަންހެން ދަރިފުޅު ޝްވޭޗތާ ބައްޗަންގެ ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅު، އަގަސްތިއާގެ ފުރަތަމަ ފިލްމަކީ ނެޓްފްލިކްސްގެ 2023 ގެ "ދި އާޗީސް" އެވެ. އެ ފިލްމަކީ ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާނާއި ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރްގެ އިތުރުން ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ އެކްޓަރު ވެދާންގް ރައިނާ ވެސް ތައާރަފުވި ފިލްމެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އިއްކިސް" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ ޑިސެމްބަރުގަ އެވެ. އެކަމަކު އަދި ސީދާ ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

"އިސްކިސް" ގެ ކާސްޓްގައި ދަރުމެންދުރާ، ސިކަންދަރު ކޭރް، ޖައިދީޕް އަހުލުވާތު އަދި އެކަވަލީ ކަންނާ ފަދަ ތަރިން ހިމެނެ އެވެ. އަކްޝޭ ކުމާރަށް ބޮޑުބޭބެ ކިޔާ، ސިމަރު ބާޓިއާ މި ފިލްމުން ބޮލީވުޑަށް ތައާރަފު ވާނެ އެވެ.

"އަންދާދުން" އާއި "ބަދުލާޕޫރް" އަދި "އޭކް ހަސީނާ ތީ" ފަދަ ކާމިޔާބު ތުރިލާތައް ގެނެސްދީފައިވާ ސްރީރާމްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ކެޓްރީނާ ކައިފާއި ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީއާ އެކު ގެނެސްދިން މިސްޓްރީ ތުރިލާ "މެރީ ކްރިސްމަސް" އެވެ.