އުތުރުގެ ވިއްސަކަށް ރަށުގައި ހުއްޓުމަކަށް އައިސްފައިވާ ކުނި މެނޭޖުކުރާ މަރުކަޒުތައް ބިނާކުރުމުގެ މަޝްރޫޢުތައް އަލުން ފެށުމުގެ އިންތިޒާމުތައް ކުރައްވަމުންގެންދަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ށ. ފީވަކު ރައްޔިތުންނާ ބައްދަލުކުރައްވައި ބޭރުގެ ފަންޑެއްގެ ދަށުން، އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ ގޮތަށް ފަށާފައި ހުރި ކުނި މެނޭޖްކުރާ މަރުކަޒު އިމާރާތްކުރުމުގެ މަޝްރޫޢުތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، އެ މަސައްކަތްތައް އަލުން ފެއްޓޭނޭ ގޮތްތަކެއް ހޯއްދެވުމަށް ކަމާބެހޭ ވުޒާރާއިން ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ. އެހެންކަމުން، މިހާރު މިކަމުގައި ކުރިއަށްދާނޭ ގޮތްތަކެއް ކަނޑައަޅުއްވައި، އެ އިންތިޒާމުތައް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވި އެވެ.
ފީވަކުގައި ގޯތި ދޫކޮށްފައިވާ ސަރަޙައްދު ބޭނުންކުރުމުގައި ހުރި ދަތިތަކަށް އިޝާރާތްކުރައްވަމުން ރައީސް ވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ފަރާތުން އެ ރަށުގައި ސްކޫލް މަޝްރޫޢާއި، މޫދަށް އެރޭ ސަރަހައްދުގެ މަޝްރޫއު ކުރިއަށްގެންދާއިރު، ގޯތި ދޫކޮށްފައިވާ ޗަސްބިމަށް ފަސް އަޅައި، ބޭނުންކުރެވޭނޭ މަގުފަހިކޮށްދިނުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނޭކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.
މިދިޔަ އަހަރުގެ ފެބުރުވަރީ މަހު ރައީސް، ފީވަކު ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން އެދިވަޑައިގަތް ގިނަ ކަންތައްތަކެއްގެ ޢަމަލީ މަސައްކަތްވެސް މިއަދު ވަނީ އެ ރަށުގައި ފައްޓަވާފަ އެވެ. އެގޮތުން، އެ ރަށުގެ ޒުވާނުންނަށްޓަކައި ކުޅިވަރުގެ ދާއިރާ ތަރައްޤީކުރެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވި އެދިވަޑައިގަތުމަށް އިޖާބަދެއްވައި، ފީވަކު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު ވަނީ އަޅުއްވައިދެއްވާފައެވެ. އަދި، ރަށު ކައުންސިލުން އެދިވަޑައިގެންނެވި ފަދައިން މިއަދު ވަނީ، ސްކޫލްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތްވެސް ފައްޓަވާފަ އެވެ.
މީގެ އިތުރުން މިއަދު އެ ރަށުގައި ވަނީ، ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްވެސް ފައްޓަވާފައެވެ. ފީވަކު ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް އިތުރުކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ބިނާކުރެއްވުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށްގެންދަވާނޭކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވަވާފަ އެވެ.
އަދި ކުރިއަށް އޮތް ދެ ހަފުތާ ތެރޭ، ޞިއްޙީ މަރުކަޒުގެ އިމާރާތުގެ މަސައްކަތް އެދެވޭ ދުވެލީގައި ކުރިއަށް ނުދާނަމަ، މަސައްކަތް ކުރާ ފަރާތާއެކު ވެފައިވާ އެއްބަސްވުން އުވާލައި، އެހެން ފަރާތަކާ ހަވާލުކުރައްވައިގެން ނަމަވެސް، އެ މަސައްކަތް ކުރިއަށްގެންދަވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.