Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ހަނިމާދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކުރަނީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލް (ބާ ޓާމިނަލް) ގެ އޮޕަރޭޝަންސްތައް މާދަމާއިން ފެށިގެން އާ ޓާމިނަލަށް ބަދަލުކުރުމަށް ނިންމައިފި އެވެ.

އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން އެ އެއާޕޯޓުގައި މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލްގެ އޮޕަރޭޝަންތައް މާދަމާއިން ފެށިގެން އާ ޓާމިނަލުގެ ގްރައުންޑް ފްލޯއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ބަދަލު ގެންނަން ހަމަޖެހިފައިވަނީ، އާ ޓާމިނަލް ހުޅުވުމަށްޓަކައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ)ގެ މިންގަނޑުތަކާ އެއްގޮތަށް ހުރިހާ ވައްތަރެއްގެ ކޯޑް ސީ މަތިންދާބޯޓުތައް އާ ރަންވޭއަށް ޖެއްސޭނީ މުޅި ރަންވޭ ބޭނުންކޮށްގެން ކަމުގައިވާތީ، ރަންވޭއަށް ކްލިއަރަންސް ހޯދުމަށްޓަކައި ބާ ޓާމިނަލާއި އެތަނާ އިންވެގެންވާ އިމާރާތްތަކާއި އަދި އުސް ތަންތަން ނަގައި ހުސްކުރަންޖެހޭތީ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލުން ބުނީ އެކަމާ ގުޅޭ އެންމެހާ މައުލޫމާތު މިމަހުގެ ނުވަވަނަ ދުވަހު ހަނިމާދޫ ކައުންސިލާއި ކަމާ ބެހޭ އެހެނިހެން ވުޒާރާތަކާއި ހިއްސާކޮށްފައިވާނެ ކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް އެމްއޭސީއެލުން ވަމުން އަންނަ އިރު، ޓާމިނަލްގެ ހިދުމަތްތަކާއި ޕްރޮސީޖާތައް ތައްޔާރުކުރުމާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމާއި ހުޅުވުމުގެ ކުރިއާއި ފަހަތަށް މުޅި ޓާމިނަލް ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ތައްޔާރުކުރެވިފައިވޭތޯ ކަށަވަރުކުރުމަށް ކުރިއަށްގެންދާ އޮރާޓް ޕްރޮސެސް މިހާރު ވަނީ ފަށައިފަ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 9 ގަ އެވެ.

އެ އެއާޕޯޓްގެ ޒަމާނީ އައު ޓާމިނަލަކީ 10،380 އަކަމީޓަރުގެ ބޮޑު ޓާމިނަލެކެވެ. ޓާމިނަލްގެ އެންމެ ތިރީ ފަންގިފިލާ ބޭނުން ކުރާނީ އެތެރޭގެ އުދުހުންތަކަށެވެ. އަދި މަތީ ފަންގިފިލާ ބޭނުން ކުރާނީ އިންޓަނޭޝަނަލް ދަތުރުތަކަށެވެ. ކޮންމެ ފަންގިފިލާއެއްގައި ދެ ގޭޓު ހިމެނެ އެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަކީ ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާގެ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. އަދި މިއީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ މިންވަރަށް ތަރައްޤީކޮށްފައިވާ އެއާޕޯޓެކެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށްފައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ އެހީގައި އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް އިންނެވެ. މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ ސެޕްޓެމްބަރު 25، 2022 ގަ އެވެ. އަދި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ 2023 ގެ ޖެނުއަރީގަ އެވެ.