Last Updated: June 5, 22:30
Saturday, June 6, 2026
ރިޕޯޓް

ދޫ ހިމޭނުން ނުބާއްވައި މިކަން ކުރާށެވެ!

ޒިކުރު ކުރުމަކީ މާތް މަތިވެރި އަޅުކަމެކެވެ. ޙާއްސަކޮށް ﷲ އަށް ޒިކުރު ކުރުމުން އެމީހެއްގެ ދޫ ތެންމައިފަ ބޭއްވޭ ނަމަ އެއީ ބޮޑުވެގެންވާ ހެޔޮކަމެކެވެ. ޢަލީ رضي الله عنه ވިދާޅުވެފައި ވާފަދައިން ޒިކުރު ކުރުމަށް މީހަކަށް ތަޢުފީޤް ލިބިގެންވާ ނަމަ އެއީ އެމީހަކަށް ﷲ ދެއްވާފައިވާ ހެވެކެވެ. ބޮޑުވެގެންވާ ނިޢުމަތެކެވެ. ޒިކުރު ކުރުމަށް އަންގަވާ ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެ އެވެ؛

﴿يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا﴾ (الأحزاب ٤١)

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން اللَّه ހަނދުމަ ކުރާށެވެ!”

އެކަމެއްގައި ހިފަހައްޓާނެ ފަސޭހަ އަދި ގިނަ ޘަވާބު ލިބޭ ޖާމިޢު ކަމެއްގެ ވާހަކަ ބުނެދެެއްވުމަށް ރަސޫލާގެ އަރިހުގައި މީހަކު އައިސް ދެންނެވުމުން އެކަލޭގެފާނު ޙާދީޘްކުރެއްވި ބަސްފުޅުގެ މާނާގައިވެއެވެ. ”ﷲ ހަނދުމަކޮށް ޒިކުރު ކުރުމުގައި ތިބާގެ ދޫ ތެތްކޮށް ބަހައްޓާށެވެ. އެބަހީ ގިނަގިނައިން ﷲ ގެ ޒިކުރު ކުރާށެވެ. (ބައްލަވާ ރިޔާޟުއްޞާލިޙީން 1438)

ޒިކުރު ކުރުމަކީ ފަސޭހަ އަދި ގިނަގުނަ ޘަވާބު ލިބޭ އަޅުކަމެއް ނަމަވެސް، އެކަމަށް ދޫ ހޭނުމަކީ މާފަސޭހަ ކަމެއް ނޫނެވެ. އެހެނީ އެހެން ހެޔޮ ޢަމަލުތައް ކުރުމަށް ހަށިގަނޑާއި ގުނަވަންތައް ހާނުވައި، އަދަބުވެރިކުރާ ފަދައިން މިކަމަށް ވެސް މީހާގެ ނަފްސާއި ދޫ އަދަބުވެރިކޮށް ހާނުވަން ޖެހެ އެވެ. ބައެއް ފަހަރު ކިތަންމެ ހުސް ވަގުތެއް ލިބުނަސް ނުވަތަ ދޫ ހިމޭނުން އޮތް ކަމުގައި ވީނަމަވެސް ޒިކުރު ކުރުމަށް އެ ދޫ މަސައްކަތެއް ނުކުރެ އެވެ. ބޭކާރު ބަސްތަކާއި ވާހަކަތައް ދެއްކުމުގައި ދޫ ވަރުބަލިކޮށްލެވޭ އިރުވެސް ﷲ ގެ ޒިކުރު ކޮށްލުމަށް އެދޫ ވަނީ ނުކުޅެދިފައެވެ.

އަޅުގަނޑުމެން ދަންނަންވީ އެއް ޙަޤީޤަތަކީ ހެޔޮކަންތައްތައް ކުރުމަށާއި ހެޔޮކަމުގައި ޘާބިތުވެ ހުރުމަށް ﷲ ގެ ހަޟްރަތުން މަދަދާއި އެހީއަށް އެދެން ޖެހޭނެ ކަމެވެ. ކިތަންމެ މަޢުލޫމާތު މުއްސަނދިވެފަ، ކަންކަން އެނގުނަސް، އެކަމަށް ޢަމަލުކުރުމަށް ތަޢުފީޤު ލިބިގެންނުވާނަމަ ޢިލްމުގެ މައްޗަށް ކުރެވޭ ޢަމަލު މަދުވާނެއެވެ. އަބަދުވެސް ހެޔޮ ކަންކަން ކުރުމަށް ތަޢުފީޤު ދެއްވާތޯ ﷲ ގެ ހަޟްރަތުން ދަންނަވަން ވާނެއެވެ.

އެއަށް ފަހު ތިބާގެ ވަރުގަދަ އަޒުމާއި އެއާ ވިދިގެން ކުރުވޭ ޢަމަލުތަކުގައި ތެދުވެރި ވާށެވެ. އޭރުން ﷲ ގެ މަދަދާއި އެހީ ލިބޭނެ އެވެ.

އެއްދުވަހަކު ހަޞަނުލް ބަޞަރީގެ އަރިހުގައި މީހުން އައިސް ކަންކަމުގައި ޝަކުވާ ދަންނަވަމުން ދިޔައެވެ. އެކަލޭގެފާނު ކޮންމެ މީހަކަށްވެސް، އެމީހުން ޝަކުވާ ކުރި ކަމުގެ ޙައްލަަކަށް ވިދާޅުވަމުން ގެންދެވީ ﷲ ގެ ޒިކުރު ކުރުމަށްށެވެ. އެހިނދު އެވާހަކަތައް އަޑު އަހަން އިން މީހަކު އެކަމާ ގުޅޭގޮތުން ސުވާލު ކުރިއެވެ. ޙަޞަނުލް ބަޞަރީ ވިދާޅުވިއެވެ. މީ ތިމަންނާގެ ޖަވާބެއް ނޫނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި އެ ޖަވާބު ބަޔާންކޮށްދެއްވާފަ އެވެ.

{فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا ‎﴿١٠﴾‏ يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا ‎﴿١١﴾‏ وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا ‎﴿١٢﴾‏} (نوح ١٠-١٢)

މާނައީ: “ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެ އެވެ. (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭ ގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި މުދާތަކާއި، ދަރިންގެ ގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައް ވެސް ލައްވާނެތެވެ.”

ތިބާގެ ދޫ ހަމަ ހިމޭންވެފައި ހުންނަތަން ފެންނަ ކޮންމެ ފަހަރަކު އެ ދޫ ﷲ ގެ ޒިކުރު ކުރުމުން މަޝްޣޫލުކޮށްލާށެވެ. އަޅުގަނޑުމެންނީ ގިނަގިނައިން ﷲ ހަނދުމަކުރާ ބަޔަކު ކަމުގައި ލައްވާށި!

ނޯޓް: މިއީ ޝައިޚް އަޙްމަދު ވަޙީދުގެ ލިޔުއްވުމެކެވެ.