Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

އައްޑު ރިފަރެންޑަމަކީ ސިޔާސީ މަންފާއަކަށް ކުރާ ކަމެއް

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ފެނޭތޯ ބެލުމަށް ނަގާ ވޯޓަކީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބެލުމަށް މި މަހު 25 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓް ނަގަން ހަމަޖެހިފައި ވަނީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި އަދި ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ދެނެގަތުން ނުވަތަ ރައްޔިތުންގެ ބަސް ހޯދުމަކީ، ރާއްޖެ ފަދަ ޑެމޮކްރެޓިކް އުސޫލުން ހިންގާ ޖުމްހޫރީ ދައުލަތެއްގައި ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި އެކަން ކުރަންވާނީ، ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ރައްޔިތުންގެ ބާރު އެންމެ ފުރިހަމައަށް ކަށަވަރުކުރުމުގެ ސާފުސީދާ މަގުސަދުގައި ކަމަށްވުމަކީ ލާޒިމު ކަމެއް ކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.

"އެހެންނަމަވެސް، މި ފަދަ ވޯޓެއް ނެގުމަށް އިއުލާނުކޮށްފައި މި ވަނީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެ ބިލު ދިރާސާކުރުމަށާއި، އެ ބިލާމެދު މަޝްވަރާކުރުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ދިނުމުގެ ބަދަލުގައި، އަވަސް އަރުވައިލައިގެން ފާސްކޮށްގެންކަމުގައި ވާތީ، މި ކަމުގައި ސަރުކާރުގެ ރަނގަޅު ނިޔަތެއް ނެތްކަން ފާހަގަކުރެވެއެވެ،" އެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ އައްޑޫގައި ވޯޓް ނެގުމަށް މިހާރު ކަނޑައަޅައިފައިވާ މުއްދަތަކީ، މި ފަދަ މުހިންމު ކަމެއްގައި ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި، ހޭލުންތެރިކުރުމަށާއި އަދި ކެމްޕޭންކުރުމަށް، އެކަށީގެންވާ މުއްދަތެއް ނޫން ކަމަށާއި އަދި އެ ފަދަ ބަދަލަކާގުޅޭ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް އެކަށީގެންވާ މިންވަރަށް ފޯރުކޮށްދީފައިނުވާ ކަމަށެވެ.

އަދި މި ވޯޓުގައި ސަރުކާރުން ވަކި ކޮޅަކަށް ތާއީދުނުކުރާނެކަމަށް ރައީސް މުއިއްޒު އިއުލާނުކޮށްފައިވުމުން، މި ކަމަކީ އެއްވެސް ހަރުދަނާ ވިސްނުމެއް، ސީދާ މަގުސަދެއް އަދި ރޭވުންތެރިކަމެއް ނެތި ކުރާ ކަމެއްކަން ހާމަވާ ކަމަށްވެސް ބުނެފައިވެ އެވެ.

މި ދަނޑިވަޅުގައި މި ފަދަ ކަމެއް ކުރުމުގެ ބޭނުމަކީ، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދި އޮތުމާއި، ސަރުކާރުގެ ނާގާބިލުކަމާއި ރައްޔިތުންނާމެދު އަޅައިލުމެއް ނެތުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުންދާ މައްސަލައާ ދުރަށް ރައްޔިތުންގެ ސަމާލުކަން އަނބުރައިލުން ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

"މިހެންކަމުން، މިއީ ދޭދޭ ރަށްތަކުގެ މެދުގައި ޒަމާނުންސުރެ އުފެދިފައި ހުންނަ ބައެއް ކުދިކުދި ނުތަނަވަސްކަމާއި ދެބަސްވުންތައް ފިތުނައާއި ހަސަދައަށް ބަދަލުކޮށްގެން، އެ ކަންކަމުން ސިޔާސީ މަންފާ ހާސިލުކުރަން ސީދާ ރައީސް މުއިއްޒު ކުރައްވަމުންގެންދަވާ ކަމެއްކަންވެސް ފާހަގަކުރެވެއެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ވަނީ ލާމަރުކަޒީ ނިޒާމަށް ކުއްލި އެކިއެކި ބަދަލުތައް ގެނެސް، އެ ނިޒާމު މުޅިން ގަޑުބަޑު ކުރަމުންދާ ސަރުކާރަކުން މި ކަން ކުރަން އުޅެނީ، ރައްޔިތުންގެ ބާރު ކަނޑުވައިލައި، މުޅި ދައުލަތުގެ ނިޒާމުތައް ހަރާބުކުރުމަށް ކަމަށެވެ.

އަދި ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭނުންވާ މައްސަލައާމެދު ދުރާލައި ކަނޑައެޅޭ ސާފު ސުވާލެއް ނުވަތަ ސުވާލުތަކެއް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށާއި، އެ ކަންކަމާމެދު ފިކުރުކޮށް، ބަހުސްކޮށް، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް އެކަށީގެންވާ ވަގުތު ދިނުމާއެކު، އެކަމުގެ ނަތީޖާއާމެދު ރައްޔިތުން ހޭލުންތެރިކުރުމަށް ފަހުގައި ނޫނީ އެ ފަދަ ވޯޓެއް ނުނެގުމަށް ސަރުކާރަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.