އައްޑޫއަށް ލިބޭ ތަރައްގީއާ ކާމިޔާބަކީ އެއްބައިވަންތަކަމުގެ ނަތީޖާ ކަމަށް އައްޑޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިމާދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބެލުމަށް މި މަހު 25 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓް ނަގަން ހަމަޖެހިފައި ވަނީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ.
މިކަމާ ގުޅިގެން އިމާދު ވިދާޅުވީ އައްޑޫގައި މިހާތަނަށް ހިންގި ތަރައްގީގެ އެއްވެސް ޕްރޮޖެކްޓެއްގައި ވަކި އަވަށެއް އިސްތިސްނާކޮށްފައި ނޯންނާނެ ކަމަށާއި އެކަން އެގޮތަށް ކުރެވެނީ އެއް ވިސްނުމެއްގައި ތިބެގެން މަސައްކަތް ކުރެވުމުން ކަމަށެވެ. އަދި ދައުލަތުން ކައުންސިލްތަކަށް ދޭ މާލީ އެހީގެ ގޮތުގައި އައްޑޫ ކައުންސިލަށް 100 މިލިއަން ރުފިޔާ ލިބުނުއިރު އެ ފައިސާގެ ބޮޑުބައެއް ހަރަދުކުރަނީ މުވައްޒަފުންގެ މުސާރައިގެ ކަންކަން ހަމަޖެއްސުމަށް ކަމަށް އިމާދު ވިދާޅުވި އެވެ.
މިދިޔަ އަހަރު އައްޑޫ ކައުންސިލުން އެކި އަވަށްތަކަށް ކުރި ހަރަދުތައް ހާމަކުރަމުން އިމާދު ވިދާޅުވީ އައްޑޫގެ އާބާދީގެ 57 ޕަސެންޓު މީހުން އުޅެނީ ހިތަދޫގައި ކަމަށާއި އެގޮތުން ހިތަދޫއަށް ހިދުމަތް ދިނުމަށްޓަކާ މިދިޔަ އަހަރު 14 މިލިއަން ރުފިޔާ ހިތަދޫ އަވަށު އޮފީހަށް ހަރަދުކޮށްފައިވާނެ ކަމަށެވެ. ހުޅުދޫ އަކީ އައްޑޫގެ އާބާދީގެ 5 ޕަސެންޓު މީހުން ކަމަށްވީ ނަމަވެސް މިދިޔަ އަހަރު އެ އަވަށަށް ވެސް މުވައްޒަފުންގެ މުސާރައިގެ ކަންކަމުގައި 5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށް އިމާދު ވިދާޅުވި އެވެ.
އަދި މުވައްޒަފުންގެ މުސާރައިގެ ކަންކަމަށް މިދިޔަ އަހަރު މީދޫއަށް 4.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ފޭދޫއަށް 6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށްވެސް އިމާދު ވިދާޅުވި އެވެ.
"އެކަމަކު ވެސް މި ބުނަނީ ކޮން ކަމެއްހޭ ކުރީ؟،" އިމާދު ވިދާޅުވި އެވެ.
އިމާދު ވިދާޅުވީ މިއީ އެއް ސިޔާސަތެއް އޮވެގެން، ވަކި އަވަށެއް އިސްތިސްނާ ކުރުމެއް ނެތި ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިކަން މިގޮތަށް ކުރުމުގެ ފުރުސަތު ގެއްލިއްޖެ ނަމަ އެކަމަކީ ހިތާމަކުރަންޖެހޭނެ ކަމެއް ކަމަށާއި އައްޑޫ ކައުންސިލަކީ މިހާރު އޮތްގޮތުން ބަލާނަމަ މުއްސަނދި ކައުންސިލެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ގައުމުގެ ކަންކަން މިވަގުތު ހުރީ ކައުންސިލާއި ދައުލަތުގެ ޒިންމާއަކީ ކޮބައިކަން ވެސް އޮޅޭ ހިސާބުގައި ކަމަށާއި ކައުންސިލަކީ ގާނޫނުން ވަކި މެންޑޭޓެއް ކަނޑައަޅައި ވަކި ކަންތައްތަކެއް ކުރަންޖެހޭ ބައެއް ކަމަށް އިމާދު ވިދާޅުވި އެވެ.