Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

އެކި ދާއިރާތަކުން ބޭނުންވަނީ ބޮޑު "ބޫމް"އެއް: ރައީސް

އަންނަ އަހަރު އެކި ދާއިރާތަކުން ބޭނުންވަނީ ބޮޑު "ބޫމް"އެއް އައިސްގެން ކުރިއަރައިގެންދާނެ ފުރުސަތު ދޭން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ށ. ކޮމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އަންނަ އަހަރަކީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އެކި ދާއިރާތަކުން އުފެއްދުންތެރިކަން ރާއްޖޭގައި ބޮޑު ބޫމްއެއް އައިސް ކުރިއަރައިގެން ދާނެ ފުރުސަތު ދޭން. ހަމައެކަނި ޓްރެޑިޝަނަލް އިންޑަސްޓްރީތަކެއް އެކަންޏެއް ނޫން. ޓޫރިޒަމް އެކަންޏެއް ނޫން. މަސްވެރިކަން އެކަންޏެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ އެކި ދާއިރާތަކުން އުފެއްދުންތެރިކަމުގެ ވިސްނުން ހުރި ފަރާތްތަކަށް ފުރުސަތު ދިނުމާއި، އަދި އަންހެނުން ވެސް ގޭގައި ތިބެގެން އުފައްދާ ތަކެތިތައް އޮންލައިންކޮށް ވިއްކޭނެ ޕްލެޓްފޯމުތަކުގެ މަގުފަހިކޮށްދޭން ކަމަށެވެ.

މިއީ އިގްތިސާދު ފުޅާކުރުމުގެ ތެރެއިން ކުރެވެމުންދާ ކަންކަން ކަމަށާއި އޭގެ ނަތީޖާވެސް ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އުރީދޫއާ ގުޅިގެން ރާއްޖެއަށް ޕޭޕަލް ތައާރަފް ކުރުމަށް ކުރަމުންދާ މަސައްކަތް ރައީސް ފާހަގަކުރެއްވި އެވެ.

"ސަރުކާރުން މިދިޔަ ދެ އަހަރެއްހާ ދުވަހު މި ދިޔައީ، އެއްކަލަހެން ބިހައިންޑް ކްލޯސް ޑޯގަ ވަރަށް ގިނަ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ކަމާބެހޭ އެކި ފަރާތްތަކާ ގުޅިގެން ކުރަމުން. މިއަދު އެ ވަނީ ރާއްޖެއަށް ޕޭޕަލް ހިދުމަތް ގެނައުމަށް ޕޭޕަލްގެ ފަރާތުން ގަތަރުގެ އުރީދޫ ފިންޓެކް މި ހިދުމަތް ރާއްޖެއަށް ތައާރަފުކުރުމަށް މަސައްކަތް ކުރާނެކަން އިއުލާނުކޮށްފަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އަންނަ އަހަރު ތެރޭގައި ޕޭޕަލްގެ ޚިދުމަތް ފެށޭނެ ކަމަށް ވަރަށް އުންމީދު އެބައޮތް ކަމަށް ވެސް ވިދާޅުވެފަ އެވެ.