އިޓަލީ އަތުން 3-0 އިން ބަލިވެ އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ކޮލިފައި ނުވެ އިޒްރޭލު ކަޓައިފި އެވެ.
މި މޮޅާއެކު އިޓަލީ އޮތީ 6 މެޗުން ލިބުނު 15 ޕޮއިންޓާ އެކު ގްރޫޕް އައި ގެ ދެވަނައިގަ އެވެ. އެއްވަނައިގައި 6 މެޗުން 18 ޕޮއިންޓު ހޯދައިގެން އޮތީ ނޯވޭ އެވެ. މި ގްރޫޕްގެ ތިންވަނައިގައި 7 މެޗުން ލިބުނު 9 ޕޮއިންޓާ އެކު އޮތީ އިޒްރޭލެވެ. މި ގްރޫޕްގައި އިޒްރޭލާއި އެސްޓޯނިއާ ފިޔަވައި ކޮންމެ ޓީމަކަށް ވެސް އަދި ދެ މެޗު އެބައޮތެވެ.
ގްރޫޕްގެ އެއްވަނަ އަށް ވޯލްޑް ކަޕުން ޖާގަ ލިބޭއިރު، ދެވަނަ ހޯދާ ޓީމު ކޮލިފައިވާނީ ޕްލޭއޮފް ކުޅެގެންނެވެ.
ވަރުގަދަ ސެކިއުރިޓީއާއެކު ކުޅުނު މި މެޗުގައި އިޓަލީގެ ފުރަތަމަ ގޯލު ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ މަޓެއޯ ރެޓަގުއީ އެވެ. އަދި މެޗުގެ 74 ވަނަ މިނެޓްގައި އިޓަލީގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ރެޓަގުއީ ކަމަށްވާއިރު، އެޓީމުގެ ތިންވަނަ ގޯލު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދީފައިވަނީ ޖިއާންލޫކާ މަންޗީނީ އެވެ.
ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުއްމީދު އިޓަލީން އާކޮށްފައިވާއިރު، އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕަށް ވެސް އިޓަލީ ކޮލިފައިވެފައެއް ނުވެ އެވެ.