ރާއްޖެއަށް ވަގަށް އެތެރެކުރުމުން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓު ގެއްލުނު މައްސަލައިގައި ފުލުހުން ކުރަމުންދާ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހުން ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި ތަންތަން ބަަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން، އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު ރޭ ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމުގައިވާ ލޮޓަސްގެ ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ.
ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލާގައި ކަސްޓަމްސްގެ އޮފިސަރެއްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. އަދިމި މައްސަލާގައި އެ މުއައްސަސާގެ އޮފިސަރެއްގެ ބައިވެރިވުން އޮތްކަން ތަހުގީގަށް ހާމަވެއްޖެނަމަ ގާނޫނާއި ގަވާއިދުގެ ތެރެއިން އެޅެންހުރި އެންްމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އަދި ފުލުހުން ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެމުންގެންދާ ކަމަށާއި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ކުރަން ޖެހޭ މަސައްކަތް ކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ގެއްލިފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ސިނގިރޭޓު ކޭސްތައް ފެނުނީ ޕްލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.