އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އަޖޭ ދޭވްގަންގެ "ދޭ ދޭ ޕިޔާރު ދޭ 2" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި އާބަން ރޮމޭންޓިކް ކޮމެޑީ އަކީ ބޮޑެތި ދަރިންތަކެއް ވެސް ތިބި ދުވަސްވީ ފިރިހެނަކާއި ޒުވާން އަންހެން ކުއްޖަކު ހިތާވުމުން ހިނގާ މަޖާ ކަންތައްތަކެއް ދައްކުވައި ދިން 2019 ގެ "ދޭ ދޭ ޕިޔާރު ދޭ" ގެ ދެވަނަ ބައެވެ. އަޖޭ އާއި ތައްބޫ އަދި ރަކުލް ޕްރީތު ސިންގް މުހިއްމު ރޯލުތައް ކުޅުނު ފިލްމުގެ ދެވަނަ ބައި އަންނަ މަހުގެ 14 ގައި ސިނަމާތަކަށް ގެންނަ އިރު، މި ފަހަރު ފިލްމުގެ ކާސްޓްގައި ތައްބޫއެެއް ނުހިމެނެ އެވެ.
ނަމަވެސް "ދޭ ދޭ ދޭ ޕިޔާރު ދޭ 2" ގައި އަޖޭ އާއި ރަކުލް ލޯބީގެ ގުޅުން އިތުރަށް ދެމިގެންދާ ގޮތާއި އެ ގުޅުމަށް ވަމުން އަންނަ ގޮތް ދެވަނަ ބައިން ވަރަށް މަޖާކޮށް ދައްކުވައި ދޭނެ އެވެ.
އެގޮތުން ފިލްމުގެ ޓްރެއިލާ ފެންނަނީ ވަރަށް ވެސް ޝައުގުވެރިކޮށެވެ.
ލަންޑަނާއި ޕަންޖާބްގައި ޝޫޓްކޮށްފައިވާ ފިލްމުގެ ކާސްޓަށް މި ފަހަރު އިތުރުވި ތަރިންގެ ތެރޭގައި އާރް މާދްވަން އާއި ޖާވިދު ޖެފްރީ އާއި އޭނަގެ ދަރިފުޅު މީޒާން ޖެފްރީގެ އިތުރުން އިޝިތާ ދައްތާ އަދި ގޯތަމީ ކަޕޫރް ހިމެނެ އެވެ.
ޑައިރެކްޓަރު/ޕްރޮޑިއުސަރު ލަވް ރަންޖަންގެ ކުންފުނި، ލަވް ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ގެނެސްދޭ "ދޭ ދޭ ޕިޔާރު ދޭ 2" ޑައިރެކްޓްކުރީ އަންޝުލް ޝަރުމާ އެވެ. މީގެ ސްކްރީންޕްލޭ ލިޔުނީ ލަވް އާއި ތަރޫން ޖެއިިން އެވެ.
އެ ދެ މީހުންގެ ސްކްރީންޕްލޭއަކަށް "ދޭ ދޭ ޕިޔާރު ދޭ" ޑައިރެކްޓްކުރީ އާކިވް އަލީ އެވެ. އެ ފިލްމަކީ ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ. ޖުމްލަ 78 ކްރޯޑް ރުޕީސް 9 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 143 ކްރޯޑް ރުޕީސް 16.2 މިލިއަން ޑޮލަރު) ގެ އާމްދަނީއެެއް ލިބުނެވެ.