ބިން ހިއްކުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މި އަހަރު ތިން ޑްރެޖަރު ގެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ ކުންފުނިން މިހާރު އޮތީ ބިން ހިއްކުމާއި އުމްރާނީ މަސައްކަތްތަކަށް ހާއްސަ ކުންފުންޏެއް ވެސް އުފައްދައިފަ އެވެ. އެމްއޭސީއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް މި މަހުގެ 6 ގައި އުފެއްދި ކުންފުނީގެ ނަމަކީ ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ އެވެ.
ރައީސް މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރޭ ކޮމަންޑޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ އެމްއޭސީއެލުން މި އަހަރުގެ ތެރޭގައި ތިން ޑްރެޖަރު ގެންނާނެ ކަމަށާއި އޭގެ ތެރެއިން އެކަތި ބޭނުން ކުރާނީ ރަސްމާލެ ހިއްކަން ކަމަށެވެ.
ރައީސް ވިދާޅުވީ މަސް ނިމޭއިރަށް 11،000 ޓަނުގެ ޑްރެޖަރިން މަސައްކަތްކުރާ ޑްރެޖަރެއް ގެނެސް، ތ. ވިލުފުށީ އެއާޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތަށް ފޮނުވާނެ ކަމަށާއި އެއަށްފަހު އަންނަ މަހުގެ ތެރޭގައި 45،000 ޓަނުގެ ޑްރެޖަރެއް ގެންނާނެ ކަމަށެވެ.
"މި އަންނަ މަހުގެ މެދަކާ ހިސާބުން، 15 ހިސާބުގައި ނޫނިއްޔާ، ތިންވަނަ ހަފުތާގެ ތެރޭގައި 45،000 ޓަނުގެ ޑްރެޖަރެއް، ހޮޕާ ޑްރެޖަރެއް އަންނާނެ. އެ ޑްރެޖަރު އައިސް، އެ ޑްރެޖަރުން މަސައްކަތް ފަށާނެ ރަސްމާލޭގައި." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތިންވަނަ ޑްރޭޖަރު ޑިސެމްބަރު މަހުގެ ދެވަނަ ހަފުތާގައި އަންނާނެ ކަމަށާއި އެއީ ވެސް 45،000 ޓަނުގެ ޑްރެޖަރެއް ކަމަށެވެ. އަދި އެ ޑްރެޖަރުން ހއ. އަތޮޅުގެ މަސައްކަތްކޮށް، ށ. އަތޮޅުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމުމަ ށްފަހު މާލެ އަތޮޅުގައި ދެން ހިމެނޭ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.
މިހާތަނަށް ރާއްޖޭގައި ބިން ހިއްކަން ހާއްސަ ދިވެހި ކުންފުންޏަކީ ސަރުކާރު ހިއްސާވާ އެމްޓީސީސީ އެކަންޏެވެ.