ދުއްވަމުން ދިޔަ ބަހެއްގައި ރޯވެ 20 މީހަކު މަރުވެ، އިތުރު ބަޔަކު ފިހިއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ އިންޑިއާގެ ޖައިސަލްމާރުން ޖޯދުޕޫރަށް ދަތުރުކުރަނިކޮށް އިއްޔެ މެންދުރު ފަހު 3:00 އެހާކަށްހާ އިރު ކަމަށެވެ.
ކުއްލިއަކަށް ހިނގި ހާދިސާގައި 20 މީހަކު މަރުވެ، އިތުރު 16 މީހަކު ފިހިފައިވެ އެވެ. ބަހުން ޖުމްލަ 50 މީހަކު ދަތުރުކުރި އެވެ.
#WATCH | Rajasthan: A Jaisalmer-Jodhpur bus burst into flames in Jaisalmer. Fire tenders and Police present at the spot. pic.twitter.com/8vcxx5ID1q
— ANI (@ANI) October 14, 2025
ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުނީ ގިނަ ބަޔަކު މަރުވާން މެދުވެރިވީ ކުއްލިއަކަށް ރޯވި އަލިފާންގަނޑު މުޅި ބަހުގެ ތެރެއަށް ފެތުރިގެން ދޔަ އިރު، ބަހުން ނުކުތުން ވަރަށް ތާށިކޮށް ހުރުމާ ގުޅިގެން ކަމަށެވެ. ބަހުގައި ރޯވުމާ އެކު ޑްރައިވަރު ބަސް މަޑު ވެސް ކުރި އެވެ. އެކަމަކު ފައިބަން ހުރި ޖާގައިގެ ތާށިކަމާ ހެދި، މީހުން ސަލާމަތްވާން ދަތިވީ އެވެ.
މި ބަހަކީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޭކޭ ޓްރެވެލްސްގެ ބަހެކެވެ. އަދި ބަހުގައި ރޯވީ ދަތުރުތަކަށް ބޭނުން ކުރަން ފެށިތާ ފަސް ދުވަސް ފަހުންނެވެ.
#WATCH | Rajasthan CM Bhajanlal Sharma visits the spot where a Jaisalmer-Jodhpur bus burst into flames, claiming the lives of 20 people.
(Source: CMO) pic.twitter.com/6w8w5cVqLl
— ANI (@ANI) October 14, 2025
މި ހާދިސާއާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވި އެވެ. އަދި މަރުވި ކޮންމެ މީހެއްގެ އާއިލާއަކަށް ދެ ލައްކަ ރުޕީސް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ ބަހުގައި ރޯވަން ދިމާވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ބެލިބެލުމުން ބަހުގައި ރޯވީ ޝޯޓެއްވެގެން ކަމަށް ފުލުހުން ބުންޏެވެ.