ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީގެ ކަންކަން ބެލެހެއްޓުމަށް މެލޭޝިއާގެ ބެސްޓިނެޓުގެ އެކްސްޕެޓް ސިސްޓަމް ބޭނުން ކުރަން މި ސަރުކާރުން ހެދި އެއްބަސްވުމުން ގެއްލުމެއް ނުވާ ނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އެ އެއްބަސްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރު ކުރުމުން އޭޖީ ވިދާޅުވީއެ އެއްބަސްވުމާ ގުޅޭގޮތުން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާ ކުރުމަށް ފަހު އެކަން ކުރިއަށް ގެންދަން ލަފާ ދިނުމުން އައު އެއްބަސްވުމުގެ އެކުލަވާލީ ސަރުކާރަށް ގެއްލުންވާ ގޮތަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު ގަބޫލުރަނީ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން އެކަން ކުރައްވާފައި ކަމަށް އެއްބަސްވުމުގައި ސޮއިކޮށްފައި ވާނީ،" އުޝާމް ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލެއް ނުކުރަން އެ އެއްބަސްވުމުގެ ސަބަބުން ގެއްލުމެއް ވާނެ ކަމަކަށް."
ބެސްޓިނެޓާއެކު ހެދި އެއްބަސްވުމުގެ ދަށުން ބިދޭސީއެއްގެ ބޮލަކަށް އަހަރަކު 100 ޑޮލަރު (1،542ރ.) ސަރުކާރުން އެ ކުންފުންޏަށް ދައްކަން ޖެހޭނެ އެވެ. އަދި މެޑިކަލް އިންޝޫރަންސްގެ ކަންކަމަށް ބޮލަކަށް 50 ޑޮލަރު (771ރ.) ދައްކަން ޖެހޭނެ އެވެ.
އޭޖީ ވިދާޅުވީ އެއްބަސްވުމުގެ ދަށުން ބެސްޓިނެޓަށް ކޮންމެވެސް ވަރެއްގެ "އެކްސްކްލޫސިވިޓީއެއް" ވެސް ދީފައިވާ ކަމަށެވެ. އެކަމަކު އޭގެ ތަފުސީލެއް ނުދެއްވަ އެވެ.
ބެސްޓިނެޓާއެކު 2016 ހެދި އެއްބަސްވުން 2018 ގައި ހުއްޓާލި ގޮތަށް 2023 ގެ ނިޔަލަށް އެއްވެސް މުއާމަލާތެއް ސަރުކާރުން ނުކޮށް އޮތުމަކީ ސަރުކާރުން އެއްބަސްވުމާ ހިލާފުވެފައިވާ ކަމެއް ކަމަށް ފެންނަ ކަމަށް އުޝާމް ވިދާޅުވި އެވެ. އެހެންވެ އެއްބަސްވުމާ ހިލާފުވެގެން ބެސްޓިނެޓުން އެދުނު ބަދަލު ޝަރީއަތުގެ މަރުހަލާގައި ދައުލަތުން ދައްކަން ޖެހޭ ގޮތަށް ނިމުމުގެ ފުރުސަތު އޮތް ކަމަށާއި އާބިޓްރޭޝަނަށް ދިޔަ ނަމަ ސަރުކާރަށް ބޮޑެތި ކުރަން ޖެހުނީސް ކަމަށް ވިދާޅުވި އެވެ.
"އޭގެ ސަބަބުން ބެސްޓިނެޓަށް ލިބިފައިވާ ގެއްލުމުގެ ބަދަލަށް އެދުމުގެ ފުރުސަތު އޮތް ކަމަށް ވެސް ފާހަގަކުރެވުނު،" އުޝާމް ވިދާޅުވި އެވެ. "އެހެންކަމުން މި މުއާމަލާތުގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ޝަރުއީ މަރުހަލާއަށް ގޮސްފި ކަމަށް ވަނީ ނަމަ ބެސްޓިނެޓުން އެދިފައިވާ ބަދަލު އެ ފަރާތަށް ނަގާދިނުމުގެ ފުރުސަތު ބޮޑުކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނު." އުޝާމް ވިދާޅުވި އެވެ.
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ގޮތުގައި ސިސްޓަމަށް މިނިސްޓްރީން ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށްފަހު ހިދުމަތުގެ ފޭސް 1 ފެށޭނީ އަންނަ ޑިސެމްބަރު 20 ގަ އެވެ.