އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ނަގަން ތައްޔާރުވަމުން އަންނަ ވޯޓްގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ލިސްޓަށް ގެނައި ބަދަލުތަކާ ގުޅޭ ޝަކުވާ ހުށަހަޅަން އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފި އެވެ.
އެ ފުރުސަތު އޮންނާނީ ހަވީރު 6:00 އާ ހަމައަށެވެ.
އީސީން ބުނީ ލިސްޓް އެތަނުގެ ވެބްސައިޓްގެ އިތުރުޓް ވޯޓް ނަގާ ތިން އަވަށް ކަމަށްވާ ފޭދު އާއީ މީދޫ އަދި ހުޅުދޫގެ އަވަށު އޮފިސްތަކުަގައި އާންމުކޮށްފައި ހުންނާނެ ކަމަށެވެ. މީގެ އިތުރުން (VR space IDNO Send to 1414) މެސެޖްކޮށްގެން ވެސް ލިސްޓް ޗެކްކުރެވޭނެ އެވެ.
ލިސްޓަށް ގެނައި ބަދަލާ ގުޅޭ ޝަކުވާތައް ހުށަހަޅާނީ ޝަކުވާ ފޯމުންނެވެ. އަދި އެ ފޯމް ހުށަހަޅާނީ މި މެއިލް [email protected] މެދުވެރިކޮށެވެ.
ފޭދު އާއި މީދޫ އަދި ހުޅުދޫގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ނަގާ ވޯޓް އޮންނާނީ މި މަހުގެ 25 ގަ އެވެ. މި ވޯޓަށް އެ ތިން އަވަށާއި މާލެ ހިމެނޭ ގޮތަށް ޖުމްލަ 18 ވޯޓްފޮށި ބަހައްޓާނެ އެވެ. އިއްޔެ ވަނީ ފޮށިތައް ބަހައްޓާ ތަންތަން ވެސް އިއުލާންކޮށްފަ އެވެ.