ދަނޑުވެރިކަން ކުރުމުގައި ރާއްޖޭގެ ބިން ކުޑަވުމާއި، ބިމުގެ ފެންފަށަލަތަށް ލޮނުވުން ފަދަ ގޮންޖެހުންތަކެއް ހުއްޓަސް ދިވެހި ދަނޑުވެރިން މިހާރު އަންނަނީ މިކަންކަމާ ކުރިމަތިލައި، އީޖާދީ ހައްލުތައް ހޯދަމުން ކަމަށް އެގްރިކަލްޗަ މިނިސްޓަރު ޑރ. މަރްޔަމް މާރިއާ ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ގައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބާގައި ދެއްވި ހިތޯބުގައި މިނިސްޓަރު ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާއަތުގައި ހޯދަމުން އަންނަ ކުރިއެރުންތަކަށް ބަލާލާއިރު، ހައިޑްރޮޕޮނިކްސް އާއި ވާޓިކަލްފާމިންގް އަދި އެއިރޮޕޮނިކްސް ފަދަ ގޮތްތައް ބޭނުންކުރުމުގެ އިތުރުން، ތިމާވެއްޓާ ރައްޓެހި ދަނޑުވެރިކަމަށް އަމާޒުހިފަމުން އަންނަ ކަމަށެވެ.
އަދި މި ސިނާޢަތުގައި ޒުވާނުންގެ ދައުރު މިހާރަށް ވުރެ އިތުރުކުރުމަކީ ދަނޑުވެރިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަށްޓަކައި އަދި ކާނާގެ ޔަޤީކަން ގާއިމްކުރުމަށް ވެސް މުޙިއްމު ކަމެއް ކަމެއް ކަމަށް ވިދާޅުވި އެވެ.
އެހެންވެ ސްކޫލްތަކުގައި ދަރިވަރުންނަށް ދަނޑުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކަކީ ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ދަނޑުވެރިކަން ތަރައްގީ ކުރުމަށާއި ސިންދުފާތު ކުރުމަށް އަޅުގަނޑުމެންގެ ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. މިގޮތުން ދަނޑުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ތަހުލީލުތައް ކުރުމަށް ދަނޑުވެރިކަމުގެ ލެބޯޓަރީއެއް ގާއިމްކުރުމުގެ މަސައްކަތް މިދަނީކުރެވެމުން،" މާރިއާ ވިދާޅުވި އެވެ. "ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި ރާއްޖޭގެ އުތުރުން ފެށިގެން ކޮންމެ އަހަރަކު އަތޮޅަކަށް، އެ އަތޮޅެއްގެ ގޭބިސީތަކަކަށް މި އަންނަނީ ގަސް ބަހަމުން."
މިނިސްޓަރު ވިދާޅުވީ މުރަނގަ އާއި ފަތްކެޔޮ އާލާކޮށް އެތަކެތިން ނަފާ އިތުރުކޮށް އެ އުފެއްދުންތަކަށް އަގު އެއްކުރެވޭނެ މަގުތައް ފަހިކޮށް ދިނުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން ދަނޑުވެރި ރައްރަށުގައި އެ ރަށެއްގެ ދަނޑުވެރިން މި ވަގުތައް އެންމެ ބޭނުންވާ ކަންކަން ހަމަޖެއްސުމަށް ރައީސް ޑރ. މުހައްމަދު ދެއްވާ ޚާއްސަ އިސްކަމެއްގެ ތެރެއިން ޕްރޮޖެކްޓުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"އަދި ހަމަ އެހެންމެ ދަނޑުވެރިކަން ސިންދުފާތު ކުރުމަށްޓަކައި ވެލިއު އެޑިޝަން ސެންޓަރުތައް ގާއިމް ކުރުމަށްޓަކައި މި އަންނަނީ މަސައްކަތް ކުރަމުން،" މާރިއާ ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ދިވެހި ދަނޑުތަކުގައި އުފެއްދޭ ތަކެއްޗަކީ ސިއްހަތަށާއި ވެއްޓަށް ފައިދާހުރި ގޮތުގައި ހައްދާފައިވާ ތަކެތިކަން ކަށަވަރުކުރުމުން ދެވޭ "މޯލްޑިވްސް ގުޑް އެގްރިކަލްޗަރ ޕްރެކްޓިސަސް" ސެޓިފިކޭޝަންގެ ދަށުން މި އަހަރު ށ. ގޮއިދޫގެ 10 ދަނޑެއް ސެޓިފައި ވެސް ކުރެވިފައިވާ ކަމަށެވެ.
"މިއީ ރާއްޖޭގެ ހުރިހާ ދަނޑުވެރިން ވެސް މިސާލު ނަގަން ޖެހޭ މުހިއްމު އަދި ތާރީޚީ ކުރިއެރުމެއް ކަމުގައި ދެކެން." މިނިސްޓަރު ވިދާޅުވި އެވެ.
މާރިއާ ވިދާޅުވީ ދަނޑުވެރިން އުފައްދާ ތަކެއްޗަށް މާކެޓް ހޯދުމުގެ ގޮންޖެހުމާއި އަދި މާކެޓަށް ތަކެތި ފޯރިކޮށް ދިނުމުގައި ހުރި ގޮންޖެހުން ތަކުން އަރައިގަތުމަށް އެމްޓީސީސީ އާއި އެގްރޯ ނެޝިނަލް ކޯޕަރޭޝަނާ އެކު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެހެންވެ ކައިރި މުސްތަޤުބަލެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިންގެ ތަކެތި ވިއްކޭނި އިންތިޒާމް ގާއިމުވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.
"ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނުތައް ދިނުމަށް މިއަންނަނީ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ލަނޑުދަނޑި އަކީ ދިވެހި ދަނޑުވެރިކަން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުން."
މާރިއާ ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ކާނާގެ ޔަގީންކަމަށް ދެވޭ އެއްބާރުލުމެއްގެ ގޮތުން ބިމެއް ކަނޑައަޅައި މި ގައުމީ މަސައްކަތަށް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
"ކޮންމެ ރަށެއްގައިވެސް އެރަށެއްގެ ރައްޔިތުންގެ ކާނާގެ ރައްކާތެރިކަމަށް މިފަދަ މަސައްކަތެއްކޮށްގެން މެނުވީ މުޅި ގައުމުގެ ކާނާގެ ރައްކާތެރިކަން ހާސިލް ކުރުމީ ގޮންޖެހުންތައް ހުންނާނެ ކަމެއް." އޭނަ ވިދާޅުވި އެވެ. "އުންމީދަކީ، ރާއްޖެއަކީ ދަނޑުވެރިކަމުގެ އީޖާދީ އުފެއްދުންތެރިކަމުގެ ރީތި ނަމޫނާއަކަށް ވުން. ބޭރުގެ އުފެއްދުންތަކަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކުރުމަކީ އަޅުގަނޑުމެންގެ މުސްތަގުބަލަށްޓަކައި ކުރާ ވަރަށް މުހިންމު ކަމެއް."