Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އައިޝަތު އަލީ އަށް ކުރާ ތުހުމަތެއް ސާފުކޮށް ނުދެވޭ

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު، ޑރ. އައިޝަތު އަލީ މިއަދު އެންޓި-ކޮރަޕްޝަން ކޮމިޝަން އޭސީސީ) އަށް ހާޒިރުކުރި ނަމަވެސް އޭނަގެ މައްޗަށް ކުރާ ތުހުމަތަކީ ކޮބައިކަން ސާފުކޮށް ދެވިފައި ނުވާ ކަމަށް ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު މައުރޫފް ނޫސްވެރިންނަށް މިއަދު ވިދާޅުވީ އައިޝަތު އަލީ މިއަދު އޭސީސީއަށް ހާޒިރުކޮށްގެން އޭނަ އަށް ކުރާ ތުހުމަތު ކޮމިޝަނަށް ސާފުކޮށް ދޭން ގިނަ ވަގުތު ހޭދަވި ކަމަށެވެ. އަދި އައިޝަތު އަލީއަށް ކުރާ ތުހުމަތުގައި، ބަދަލު ދޭން ލަފާދިން ކޮމިޓީގައި އިންނެވި ކަމަށް އޭސީސީސީން ބުނާ އިރު އެއީ އެއްވެސް ގޮތެއް ނިންމި ކޮމިޓީއެއް ނޫން ކަމަށާއި އެ ކޮމިޓީގައި އައިޝަތު އަލީ ހުންނަވަނީ ދާއިމީ މެންބަރެއް ގޮތުގައި ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ހީއެއް ނުވޭ ކުރާ ތުހުމަތު އެބޭފުޅުންނަށް ސާފުވާހެނެއް. އެއީ ވަރަށް ގިނަ ވައުދު ހޭދަވި ތުހުމަތު ސާފުކޮށް ދޭން. އޭގައި އޮތް ދެ ކަމެއް އަޅުގަނޑުމެން ފާހަގަކުރިން، އެއް ކަމަކަށް ތުހުމަތުގައި އޮތީ ނުހައްގު ބަދަލެއް ދޭން ނިންމާފައި އޮތް ކަމަށް." މައުރޫފް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ނުހައްގު ބަދަލެއް ދޭން ކަނޑައެޅީ ކޮން ފަރާތަކުންތޯ ސާފުކޮށް ދޭން އެދުމުން އެއެއް ވެސް އޭސީސީގެ ބޭފުޅުންނަށް ސާފުކޮށް ނުދެވުނު ކަމަށެވެ.

އައިޝަތު އަލީއާ އޭސީސީން ކުރީ ވަރަށް އާދައިގެ އަދި މަދު ސުވާލުތަކެއް ކަމަށާއި އެ ހުރިހާ ސުވާލަކަށް ވެސް ތަފްސީލުކޮށް ޖަވާބު ދެއްވި ކަމަށް ވެސް މައުރޫފު ވިދާޅުވި އެވެ.

ނަމަވެސް އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރުންނަށް މައްސަލަ ސާފުނުވާ ކަމަށް ވިދާޅުވި އެވެ.

މި ހަފުތާގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް އޭސީސީ އަށް ހާޒިރުކޮށްފައިވެ އެވެ. އަދި ކުރީގެ އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތު ވެސް ހާޒިރު ކުރަން އޮތީ ނިންމައިފަ އެވެ.

އައިޝަތު އަލީ އޭސީސީ އަށް މިއަދު ހާޒިރު ކުރި އިރު، އެމްޑީޕީން އެ އިދާރާ ކައިރި އަށް އެއްވި އެވެ.