Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

ސިނގިރެޓް ގެއްލުން: އެމްޕީއެލްގެ 6 މުވައްޒަފަކު ސަސްޕެންޑްކޮށްފި

ހުޅުމާލޭގެ ވިޔަފާރި ބަނދަރުގައި ހުއްޓައި ވަގަށް ނެގި ސިނގިރޭޓުގެ ދެ ކޮންޓެއިނަރުގެ މައްސަލައިގައި މޯލްޑިވްސް ޕޯޓްސް (އެމްޕީއެލް) ގެ ހަ މުވައްޒަފަކު ސަސްޕެންޑުކޮށްފި އެވެ.

އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުނުކަން އޮކްޓޯބަރު 8، ގައި ފާހަގަވި ވަގުތުން ފެށިގެން އެ މައްސަލަ ބަލައި، މި މަހުގެ 12، ގައި ފަސް މުވައްޒަފުން ސަސްޕެންޑުކޮށް، އަދި މިއަދު އެކަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

އެމްޕީއެލުން ނުނީ ކުންފުނީގެ ހިންގުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް އެމްޕީއެލްގެ ތަހުގީގު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓާއިދި އިންޓާނަލް އޮޑިޓްއިން މިހާރު ވެސް ދަނީ އެ މައްސަލައާ ގުޅޭ ތަހުގީގު އަދި އޮޑިޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަމުން ކަމަށެވެ.

އެމްޕީއެލް އިން ބަލަހައްޓާ ޕޯޓްތަކުގެ ސެކިއުރިޓީ ތަންފީޒު ކުރަނީ އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ކޯޑްގައި ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން ކަމަށާއި އެ ޕޯޓަކީ ދާއިމީކޮށް އައިއެސްޕީއެސް އޮޑިޓް ހެދި، އެ މިންގަނޑަށް ފެތޭ ނިޒާމެއްގެ ތެރެއިން ބަލަހައްޓަމުންދާ ޕޯޓެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސިނގިރެޓް ކޮންޓެއިނަރުތައް ވަގަށް ނެގީ މީގެ ދެ މަސް ދުވަސް ކުރިންނެވެ. އެއީ އޭޕްރީލް މަހު ވަގަށް އެތެރެ ކުރަނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ. އެ ސިނގިރޭޓުތަކުގެ ޑިއުޓީ އަށ 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރަ އެވެ.

އެމްޕީއެލުން ބުނީ ސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުނު މައްސަލައިގައި އެމްޕީއެލްގެ ސެކިއުރިޓީ އާކިޓެކްޗާ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ދައުލަތުގެ ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކާއި ވުޒާރާތަކާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.

އަދި މިފަދަ ކަމެއް ތަކުރާރުވޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން، ކަސްޓަމްސް އާއި ޑިފެންސް މިނިސްޓްރީ އާއި ހޯންލޭންޑް އާއި އަދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއެކު މިހާރު މަޝްވަރާތައް ފަށާފައިވާ ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.

އެ ކުންފުނިން ބުނީ ސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުނު މައްސަލައިގައި އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށާއި ބަނދަރުގެ ސެކިއުރިޓީ އާއި ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރާނެ ކަމަށެވެ.

މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އަމިއްލަ ވިޔަފާރިވެރިޔެއް ކަމުގައިވާ އަހުމަދު އާރިފާއި މުހައްމަދު ވަހީދު އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ އޮފިސަރެއް ކަމަށްވާ މުއާޒު އަލީގެ އިތުރުން ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ ސީނިއާ އޮފިސަރެއް ކަމަށްވާ ހދ. ވައިކަރަދޫ ޒިވާރު އިސްމާއީލެވެ.