Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

މިލަންދޫ އެއާޕޯޓު ދެ އަހަރާއި ބައިގެ ތެރޭގައި ނިންމަނީ

ށ. މިލަންދޫ އެއާޕޯޓުގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމައި ހުޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިލަންދޫގައި އެއާޕޯޓު ތަރައްގީކޮށް އަދި ބިން ހިއްކުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ވަނީ ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ދެމެދު ސޮއިކޮށްފަ އެވެ.

ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މިލަންދޫއަށް މިއަދު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިލަންދޫގައި އެއާޕޯޓެއް ހެދުމަކީ އެ މަނިކުފާނު އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދު ކަމަށާއި އެ ދެ މަޝްރޫއުގެ މަސައްކަތްވެސް 30 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.

"މިއަދު މި ފެށި މަޝްރޫއަކީ 40 ހެކްޓަރުގެ ބިން ހިއްކުމާއި އަޕްގްރޭޑްކުރެވިގެން އާ ބަނދަރެއް ހެދިގެން ދިއުމާއި މި ހުރިހާކަމެއް ހިމެނޭގޮތަށް މި މަޝްރޫއު މި ހަވާލުކުރެވުނީ. ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދުން ފެށިގެން އެންމެ ގިނަވެގެންވެސް އަށްމަސް ދުވަހުގެ ތެރޭގައި ނިމިގެންދާނެ. މިއަދުން ފެށިގެން 30 މަސް ދުވަހުގެ ތެރޭގައި މާނައަކީ ދެ އަހަރާއި ބައި އެންމެ ގިނަވެގެން، މި ދެންނެވީ ބަނދަރު ބަދަލުކުރުމާއި އާ ބަނދަރެއް ހެދުންވެސް ހިމެނޭގޮތަށް މިރަށުގެ އެއާޕޯޓު ހަދައި އިރާދަކުރެއްވިއްޔާ ނިންމައި ހުޅުވާނަން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއާޕޯޓު ހެދުމަށް ބިން ހަމަޖައްސާފައިވަނީ ރަށުގެ ބިން ދުރު ރާސްތާއަށާއި މެދު ރާސްތާއަށް ބޭނުން ކުރެވޭނެ ގޮތް ބަލައިގެން އެއްވެސް ދަތިތަކެއް ނާންނާނެ ގޮތަކަށް ކަމަށެވެ. އަދި އިގްތިސޯދީ ގޮތުންނާއި އެނޫން ގޮތްގޮތުން ބެލިޔަސް މިލަންދޫއަށް އެއާޕޯޓެއް މުހިންމު ކަމަށްވެސް ވިދާޅުވި އެވެ.