ފަސް މިލިއަން ގަސް އިންދަން މިދިޔަ އަހަރު ފެށި މަޝްރޫއުގެ ދަށުން މިހާތަނަށް 8 ލައްކަ ގަސް އިންދައިފި އެވެ.
މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ޖޫން 5 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަައި ދެއްވި ފަސް މިލިއަން މަޝްރޫއާ ގުޅޭ އެންމެ ގޮތުން ތިމާވެއްޓާ ބެހޭ މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަޝްރޫއުގެ ދަށުން މިހާތަނަށް 800،190 ގަސް އިންދާފައިވެ އެވެ.
މި މަޝްރޫއުގައި ގަސް އިންދުމުގައި ބޮޑަށް އިސްކަން ދެނީ ރާއްޖެއިން ނެތެމުންދާ އަދި މަދުކަމަށް ފާހަގަކުރެވޭ ގަސްގަހެވެ. މި ޕްރޮގްރާމުގެ ދަށުން ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުން ވެސް ގަސް އިންދުމަށް ނިންމާފައިވެ އެވެ. އެގޮތުން އެޗްޑީސީ އާއި އެމްޕީއެލުން އެއް މިލިއަން ގަސް އިންދުމަށް ނިންމާފައިވާ އިރު، އެސްޑީއެމް ފާމުން 750،000 ގަހާއި އާރުއޭސީއެލް އިން 60،000 ގަސް އަދި ސްޓެލްކޯ އިން 500،000 ގަސް އިންދުމަށް ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން ވެސް އެކިއެކި ފަރާތްތަކުން 1.3 މިލިއަނަށް ވުރެ ގިނަ ގަސް އިންދުމަށް ހަމަޖެހިފައިވެ އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ އިންދާ ކޮންމެ ގަހަކީ ހިރާއްޖެ އިތުރަށް ފެހިކޮށް، ސިއްހަތަށް ފައިދާ ހުރި މާހައުލަކަށް އެއް ފިޔަވަޅު ކުރިއަށް ދިއުން ކަމަށެވެ. އަދި ކޮންމެ ގަހަކީ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގެ ފެހިކަން އިތުރުވެ، ވައި ސާފުވެ، ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫޢުގައި ރައްޔިތުންގެ ބައިވެރިވުން ބޮޑު ކަމަށާއި ސްކޫލް ކުދިންނާއި، ޖަމިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ފަރުދުން މި މަސައްކަތުގައި ބައިވެރިވަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ. އެހެންވެ މިއީ ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.