އިންޑިއާގެ އެކްޓަރު ޕަންކަޖް ދީރް މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ 68 އަހަރުގެ އެކްޓަރު މިއަދު މަރުވީ ކެންސަރަށް ފަރުވާ ހޯދަމުން އަންނަތާ ގިނަ ދުވަސްތަކެއް ފަހުން ކަމަށެވެ.
ޕަންކަޖަކީ ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން ވަަރަށް ގިނަ އަދަދެއްގެ ޓީވީ އުފެއްދުންތަކުގައި ވެސް މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. އޭނަގެ އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި ސަލްމާން ޚާންގެ "ސަނަމް ބޭވަފާ" އާއި ބޮބީ ޑިއޯލްގެ "ސޯލްޖާ" އާއި ޝާހްރުކް ޚާންގެ "ބާދުޝާ" އަދި ސަންޖޭ ދަތުގެ "ސަޅަކް" ހިމެނެ އެވެ.
ޕަންކަޖްގެ އެންމެ ފަހުގެ ފިލްމަކީ 2013 ގެ "މަހާބާރަތު އޯރް ބަރްބަރީކް" އެވެ. އޭނަގެ ޓީވީ ސިލްސިލާތަކުގެ ތެރެއިން "މަހާބާރާތު" އަކީ ވަރަށް މަޝްހޫރުވި އެއްޗެކެވެ. ޕަންކަޖް އެންމެ ފަހުން ކުޅުނު ސިލްސިލާ އަކީ ސޮނީ ސަބް ޓީވީން މިދިޔަ އަހަރު ނިންމައިލި "ދުރޫވް ތާރާ: ސަމޭ ސަދީ ޕަރޭ" އެވެ.
ދެހާސް ސާދައިގެ "މައި ފާދާ ގޯޑްފާދާ" އަކީ ކެރިއަރުގައި ޕަންކަޖް ޑައިރެކްޓްކުރި ހަމައެކަނި ފިލްމެވެ.
އޭނަގެ ދަރިފުޅު ނިކިތިން ދީރް އަކީ ވެސް އެކްޓަރެކެވެ. އާންމުކޮށް ސަޕޯޓިން ރޯލުތަކަށް ހާއްސަކޮށް، ވިލަން ކަހަލަ ރޯލުތައް ކުޅޭ ނިކިތިންގެ ފިލްމުތަކުގެ ތެރޭގައި "ދަބަންގް 2"، "ޗެންނައި އެކްޕްރެސް"، "ސޫރިއަވަންޝީ" އަދި "ހައުސްފުލް 5" ހިމެނެ އެވެ.
ބައްޕަ ގޮތަށް ނިކިތިން ޓީވީ އުފެއްދުންތަކުގައި ވެސް މަސައްކަތް ކުރެ އެވެ.
ޕަންކަޖް މިއަދު މަރުވި އިރު، ހިންދީ ސިނަމާގެ ރަންޒަމާނުގެ ބަތަލާއެއް ކަމަށްވާ މަދޫމަތީ ވެސް މިއަދު ވަނީ މަރުވެފަ އެވެ. އޭނަ މަރުވި އިރު، އުމުރަކީ 87 އެވެ.