ށ. މިލަންދު އާއި އެ އަތޮޅު ފޯކައިދޫގައޮއި ބިނާ ކުރަން ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި އެވެ.
އެ ދެ އިސްލާމީ މަރުކަޒުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ. އެގޮތުން ފޯކައިދޫ އިސްލާމީ މަރުކަޒުގެ ބިންގާ އިއްޔެ އެޅި އިރު މިލަންދޫ އިސްލާމީ މަރުކަޒުގެ ބިންގާ އެޅީ މިއަދެވެ.
އެ ދެ މަޝްރޫއު ވެސް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.
ފޯކައިދޫ އިސްލާމީ މަރުކަޒަކީ 700 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި، 300 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި ހަތަރު ކުލާސްރޫމާއި އިމާމު ރޫމަކާއި އޮފީސް ބައެއްގެ އިތުރުން ހިނަވާގެއެއް ހިމެނޭނެ ތަނެކެވެ. އެތަނުގައި ސޯލާ ހަރުކޮށް، އޭސީ ވެސް ކުރާނެ އެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފަ ވަނީ 25 މިލިއަން ރުފިޔާއަށް، ދެ އަހަރުން މަސައްކަތް ނިންމާ ގޮތަށެވެ.
މިލަންދޫގައ އިސްލާމީ މަރުކަޒުގައި ވެސް ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި ހަތަރު ކުލާސްރޫމާއި، އިމާމު ރޫމަކާއި، އޮފީސް ބައެއްގެ އިތުރުން ހިނަވާގެއެއް ހުންނާނެ އެވެ.